ބޭންކް އޮފް މޯލްޑިވްސް އިން 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރުމަށް ހިންހާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މ. އަތޮޅުގެ ހަތް ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ޚިދުމަތް ފަށައި، އެ އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފިއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ މ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފަށައި، ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފަސޭހައިން އަސާސީ ބޭންކިންގ ޚިދުމަތެއް ލިބޭނެ ނިޒާމެއް ގާއިމުކުރުމަށް އެ ބޭންކުން ކަނޑައަޅާފައިވާ ލަނޑުދަނޑިއާ އިތުރަށް ގާތަށް ޖެހިލެވުމަކީ އެ ބޭންކަށް ލިބޭ ފަޚުރެއް ކަމަށެވެ.
"ރައްޔިތުން ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމުގައި އޭޓީއެމްތަކުން މުހިންމު ދައުރެއް އަދާކުރޭ. ބޭންކުގެ ވިއުގަ ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްވެސް އަޅުގަނޑުމެން މިދަނީ މުހިންމު މަސައްކަތް ކުރަމުން. އަޅުގަނޑުމެންގެ ގްލޯބަލް ކާޑު ނެޓްވޯކް އަދި ޕޭމަންޓް ހައްލުތައް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން ފަސޭހަ އަދި ރައްކާތެރި ބޭންކިންގ އަދި ޕޭމަންޓް ޚިދުމަތް ފޯރުކޮށްދީ، ކަސްޓަމަރުން ޚިދުމަތް ހޯދުމުގައި އިތުރުވަމުންދާ އެކި ބޭނުންތައް ފުއްދުމަށް އީޖާދީ ގޮތްތަކެއް ހޯދަމުންދާނަން." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އަތޮޅުތެރޭގައި ބަހައްޓާފައިވާ އޭޓީއެމްތައް މެދުވެރިކޮށް މިއަހަރުގެ މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާކަމަށާއި މި މުއްދަތުގައި އޭޓީއެމް މެދުވެރިކޮށް ބޭންކަށް 1.45 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށެވެ. މި އަދަދުތަކުން މިއީ ކަސްޓަމަރުންނަށް ކިހާ މުހިންމު ޚިދުމަތެއްކަން ހާމަވާކަމުގައިވެސް ވިދާޅުވިއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 121 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 179 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައި ބޭންކުން ދެކެއެވެ.
އެ ބޭންކުން ޤަބޫލުކުރާގޮތުގައި އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތައް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް