އޭޕްރީލް 18 ވަނަ ދުވަހު ހ. މިޓާޒް ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޔުމްނު ރަޝީދުގެ ބަޔާން ނެގުމަށް ޔުމްނުގެ އާއިލާއިން އެއްބާރުލުން ނުދޭތީ މެލޭޝިއާގެ ފުލުހުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ފުލުހުން ބުނެފައިވަނީ މިއަދާ ހަމައަށް، ތަކުރާރުކޮށް މުއާމަލާތުކުރަން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް، ޔުމްނުގެ އާއިލާގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ލިބިފައި ނުވާކަމަށާއި ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭގޮތުންވެސް ފުލުހުންނާ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައިނުވާއިރު، މެލޭޝިއާގައި ފަރުވާ ދެމުން ދިޔަ ހޮސްޕިޓަލް ބަދަލު ކުރި އިރުވެސް ފުލުހުންނާ އެ މައުލޫމާތު ހިއްސާކޮށްފައެއް ނުވާކަމަށެވެ.
"ސުވާލުކުރުމުގެ އިންތިޒާމް، އާއިލާގެ އެއްބާރުލުން ލިބުމާއެކު ހަމަޖެއްސުމަށް ވަނީ ތައްޔާރުވެފައި، އެގޮތުން އަންހެން މީހާ އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިޔަ ދުވަހުން ފެށިގެން ދެ ފުލުހުން މެލޭޝިޔާގައި އެބަ ތިބި، އޭގެ ތެރެއިން އެއް ފުލުހަކީ މެޑިކަލް ޑޮކްޓަރެއް" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ފުލުހުންގެ ތަހުގީގު ޓީމުން މިއަދާ ހަމައަށްވެސް މަސައްކަތް ކުރަމުން ދިޔައީ އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމުގެ އުންމީދުގައި ކަމަށާއި ނަމަވެސް އެއްބާރުލުން ލިބިފައިނުވާތީ މެލޭޝިއާގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން، ތަހުގީގަށް ބޭނުންވާ މައުޅޫމާތު ހޯދުމަށްޓަކައި މެލޭޝިއާ ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް