ތޫފާނެއް އުފެދިދާނެކަމަށް އަދި ނުދައްކާ، އުފެދިއްޖެ ނަމަ ނަމަކަށް ވާނީ "ތޫފާން ރެމަލް"

ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެކަމަށް ބުނަން އަދި އަވަސްކަމުގައި އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފިއެވެ. އިންޑިއާގެ މީޑިއާއަށް މައުލޫމާތުދެމުން އިންޑިއ...

22 May 2024 | 17:19

ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެދާނެކަމަށް ބުނަން އަދި އަވަސްކަމުގައި އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފިއެވެ.

އިންޑިއާގެ މީޑިއާއަށް މައުލޫމާތުދެމުން އިންޑިއާގެ މެޓުން ބުނެފައިވަނީ މިހާރު އުފެދިފައިވާ ލޯ ޕްރެޝަރު ކުރިއަށް އޮތް 24 ގަޑިއިރާއި 48 ގަޑިއިރާއި ދެމެދުގެ ވަގުތެއްގައި ޑިޕްރެޝަނަކަށް އަދި 48 ގަޑިއިރާ 72 ގަޑިއިރާ ދެމެދުގެ ވަގުތެއްގައި ޑީޕް ޑީޕް ޑިޕްރެޝަނަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންނަމަވެސް އެއަށްވުރެ ބާރު ގަދަވެ ތޫފާނެއްގެ ގިންތިއާއި ހަމައަށް ގޮސްދާނެ ކަމަށް ބުނަން އަދި ތަންކޮޅެއް އަވަސް ކަމަށް ބުނެފައިވެއެވެ.

މިހާރު އުފެދިފައިވާ ކޮޅިގަނޑު ހުރީ ބަންގާޅު ކަނޑުގައި އިންޑިއާއި ވީ ފަޅީގައެވެ. އެހެންނަމަވެސް ކޮޅިގަނޑުގެ ބާރު ގަދަވަމުން އަންނަ ވަރަކަށް ދަތުރުކުރަމުންދާނީ ބަންގާޅު ކަނޑު މެދަށް ކަމަށްވެސް ބުނެފައިވެއެވެ.

މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެނަމެ ދޭނެ ނަމަކީ "ތޫފާން ރެމަލް" އެވެ. މި ނަމަކީ އޮމާނުން ދީފައިވާ ނަމެކެވެ.

ތޫފާންތަކަށް ކިޔާނެ ނަންތަކަކީ އެ ސަރަހައްދަކަށް ނިސްބަތްވާ ގައުމުތަކުން ދުރާލާ ލިސްޓެއް އެކުލަވާލާ ނިންމާފައި ހުންނަ ނަންތަކެކެވެ.

އެގޮތުން ނޯތު އިންޑިއަން އޯސަން ޓްރޮޕިކަލް ސައިކްލޯންސް އަށް އެކުލަވާލާފައިވާ ލިސްޓަށް ނަން ހުށަހަޅާ ގައުމުތަކަކީ ބަންގްލަދޭޝް، އިންޑިއާ، އިރާން، ދިވެހިރާއްޖެ، މިޔަންމާ، އޮމާން، ޕާކިސްތާން، ޤަތަރު، ސަޢޫދީ އަރަބިއްޔާ، ސްރީ ލަންކާ، ތައިލެންޑު، އެކުވެރި އަރަބި އިމާރާތް އަދި ޔަމަނެވެ.

ރާއްޖެއިން އެ ލިސްޓަށް ދީފައިވާ ނަންތަކުގެ ތެރޭގައި ހިމެނެނީ ބުރެވި، މިދިލި، ކާނި، އޮޑި، ކެނައު، އެންދެރި، ރިޔައު، ގުރުވަ، ކުރަނގި، ކުރެދި، ހޯރަނގު، ތުނޑި އަދި ފާނައެވެ. މި ނަންތަކުގެ ތެރެއިން ބުރެވި އަދި މިދިލި، މި ދެނަން މިހާތަނަށް ދެ ތޫފާނަކަށް ދީފައިވެއެވެ.

ތަރުތީބުން ދާދިއުމަށް ބަލާއިރު މި ސަރަހައްދުގައި އެންމެ ފަހުން އުފެދުނު ތޫފާނަކީ ތޫފާން މިޗައުން އެވެ. އެ ތޫފާނަށް ނަން ދީފައިވަނީ މިޔަންމާއިންނެވެ. ދެން ލިސްޓުގެ ތަރުތީބުގައި އިން ނަމަކީ ތޫފާން ރެމަލް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް