މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޗެއާޕާސަން، އައިޝާ ނޫރައިން ޖަނާހް މަގާމުން ދެއްވި އިސްތިއުފާ ގަބޫލުކޮށް މަގާމުން ވަކިކޮށްދީފައިވާކަމުގައި ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފިއެވެ.
ޕީސީބީއިން ބުނެފައިވާގޮތުގައި އެމް.އެމް.ޕީ.އާރު.ސީ ގެ ޗެއަރޕާސަން އަލްފާޟިލާ އާއިޝާ ނޫރައިން ޖަނާހުގެ އިސްތިއުފާ ސިޓީ އިއްޔެ ވަނީ ލިބިފައެވެ.
ނޫރައިން އެ މަގާމަށް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރު 2023 ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހުއެވެ.
ދާދި ފަހުން ދުބާއީގައި ބޭއްވުނު ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގައި ނޫރައިން އިނގިރޭސި ބަހުން ދެއްވެވި އިންޓަވިއުއަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ. މިކަމާ ގުޅިގެން ނޫރައިން މިފަދަ އިވެންޓްތަކުގައި ބައިވެރި ނުކުރުމަށް ޓޫރިޒަމް މިނިސްޓަރ އަހުމަދު ފައިސަލް އަންގާފައިވާކަމަށް ބުނެ ބައެއް މީޑިޔާތަކުގައި ހަބަރު ފެތުރިއެވެ. އެހެން ނަމަވެސް މިނިސްޓަރ ވަނީ އެކަން ދޮގު ކޮށްފައެވެ.
ނޫރައިންއަކީ ނިއުޒިލެންޑްގައިވެސް އިސް މަގާމުތައް ފުރުއްވަވާފައިވާ ބޭފުޅެކެވެ. އަދި އެކައުންޓިން ދާއިރާއިން ނޫރައިން ވަނީ އޯކްލޭންޑް ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީ އިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ. ނޫރައިންއަކީ 10 އަހަރު ދުވަހުގެ ތަޖުރިބާ ހުންނެވި ޗާޓާޑް އެކައުންޓެންޓެކެވެ. މީގެއިތުރުން ނޫރައިން ވަނީ 2015 ވަނަ އަހަރު "ވެއިޓްމަޓާ ލޯކަލް ބޯޑް ގޫޑް ސިޓީޒެން އެވޯޑް" ވެސް ހޯދާފައެވެ.
ނޫރައިން ފާހަގަކޮށްލެވެނީ މުޖުތަމައަށް ޚިދުމަތްތަކެއް ކުރައްވަމުންދާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އަންހެނުން ބާރުވެރިކުރުމުގެ ގޮތުން "އޮތެންޓިސިޓީ އެން ޒެޑް" ގެ ނަމުގައި ޖަމިއްޔާއެއް އުފައްދާ ވަޒީފާގެ ތަމްރީން ބޭނުންވާ އަންހެނުންނަށް ނޫރައިން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. އަދި މީގެ އިތުރުން ނިއުޒިލޭންޑުގެ ފަގީރުންނަށް އެހީވާ ފަންޑް ނޯތް ޓްރަސްޓީގެ ފަރާތުން އާއްމުން ތަމްސީލް ކުރާ މެމްބަރުކަން ވެސް ނޫރައިން ވަނީ ކުރައްވާފައެވެ.
ނޫރައިން ދިރިއުޅުމުގެ ގިނަ އަހަރުތައް ނިއުޒިލޭންޑްގައި ހޭދަކުރުމަށް ފަހު ރާއްޖެ އައިސް މިވީ މަދު ދުވަސްކޮޅުު ތެރޭގައި ވަނީ ގިނަ ބައެއްގެ ލޯބި ހޯދާފައެވެ.
ނޫރައިން އަކީ ޕްރިންސިޕަލް އެޑްވައިޒަރ ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ ޖަނާހުގެ ދޮށީ ދަރިކަނބަލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް