ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދުވެސް ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައި މެޓުން ބުނެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.
މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި އުތުރާއި މެދުރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ހަމަ އެހެންމެ ދެކުނުގެ އެކި ހިސާބަށް ކެރީގެ އަސަރު ފޯރާނެކަމަށްވެސް ބުނެފައިވެއެވެ.
"ހުޅަނގާއި ހުޅަނގު އުތުރުން މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.
މިއަދު ކަނޑުތަކަށް ބަލައިލާއިރު ކަނޑުތައް އާންމުގޮތެއްގައި ގަދަވެފައި ވިލާގަނޑުގައި ވަރަށް ގަދަވާނެކަމަށް މެޓުން ބުނެއެވެ. އަދި މިއަދު ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ހަ ފޫޓާއި ނުވަ ފޫޓާއި ދެމެދުގައެވެ.
ބޯކޮށް ވާރޭވެހި، ވައިގަދަވެ އަދި ކަނޑުތައް ގަދަވެ އުދައަރާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މިއަދުވެސް މެޓުން އިލްތިމާސް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް