ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން އަދި މިހާރު އުފައްދަން މަސައްކަތް ކުރާ ދަ ޑިމޮކްރެޓްސްއިން ރިޔާސީ އިންތިހާބުގެ މަޝްވަރާތައް ކުރިޔަށްދާ ގޮތާއި ގުޅޭގޮތުން ދެއްކި ވާހަކަ ޕީޕީއެމްއިން ދޮގުކޮށްފި އެވެ.
އުފައްދަން މަސައްކަތް ކުރަމުންދާ ދަ ޑިމޮކްރެޓިކްސްގެ ތަރުޖަމާނު އަފްޝަން ލަތީފު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެއްވެސް ބަޔަކާއި އެކު ކުރަމުންދިޔަ މަޝްވަރާތައް ހުއްޓިފައި ނުވާ ކަމަށެވެ. ޖޭޕީ އާއި ޕީޕީއެމް/ ޕީއެންސީ އާއި އެކުވެސް އިންތިހާބާއި ގުޅޭ މަޝްވަރާތައް ކުރިޔަށްދާ ކަމަށެވެ.
އަދި އެ ދެ ޕާޓީ ތެރޭގައިވެސް ދަ ޑިމޮކްރޭޓްސްގެ އުސޫލު ކަމަށްވާ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ މެމްބަރުން ތިބި ކަމަށް އަފްޝަން މިއަދު ވިދާޅުވި އެވެ.
މި ވާހަކައަށް ރައްދުދެއްވައި ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ޕާޓީ އަކާއި ޕީޕީއެމްއިން ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކަމުން ނުދާނެ ކަމަށެވެ.
ހުސައިން މިހެން ވިދާޅުވި އިރު އެ ޕާޓީން ކުރިންވެސް ވަނީ އެހެން ޕާޓީއެއްގެ މެނިފެސްޓޯއަށް ތާއީދުކޮށް، ނުވަތަ އެހެން ޕާޓީއެއްގެ ކެންޑިޑޭޓަށް ތާއީދުކޮށް ފަހަތަށް އެރުމަކީ ކުރާނެ ކަމެއް ނޫން ކަމަށް ބުނެފައި އެވެ. އަދި ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި އެކަން ބަދަލު ނުކުރާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ވެރިންތަކެއް ދަ ޑިމޮކްރޭޓްސްގެ ހިޔަނި ލީޑަރު ރައީސް ނަޝީދާއި ދާދިފަހުން ބައްދަލު ކުރެއްވި އެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެ ބައްދަލުވުމަކީ ކަނޑުގެ އިން ވަކި ކުރުމުގެ މައްސަލައިގަ ކުރެވުނު މަޝްވަރާތަކެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް