ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމުގެ 2 ޕްރޮގްރާމެއް

ދިވެހި ވިޔަފާރިވެރިން އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމުގެ 2 ޕްރޮގްރާމެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑ...

22 May 2023 | 15:03

ދިވެހި ވިޔަފާރިވެރިން އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން މާލީ އެހީ ފޯރުކޮށްދިނުމުގެ 2 ޕްރޮގްރާމެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އިފްތިތާޙް ކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އިފްތިތާޙްކުރެއްވި 2 ޕްރޮގްރާމަކީ "ގްރާންޓްސް ފޮރ ވިމެން ލެޑް ބިޒްނަސަސް" އަދި "ގްރާންޓްސް ފޯ ޓެއިލަރިންގ ބިޒްނަސަސް" އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ދެ ޕްރޮގްރާމަކީ ވެސް ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ "މޯލްޑިވްސް:އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު" ގެ ދަށުން ކުރިއަށް ގެންދާ 2 ޕްރޮގްރާމް ކަމަށެވެ.

މިއީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމާއި، އެ ވިޔަފާރިވެރިންނަށް މާލީ އެހީއާއި، ތަމްރީން އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ތަޢާރަފުކުރި 2 ޕްރޮގްރާމެކެވެ.

މި ދެ ގްރާންޓްސް ޕްރޮގްރާމުގައި ޖުމްލަ 200 ފުރުޞަތު ހިމެނެއެވެ. މި ޕްރޮގްރާމަށް ވަކިވަކި ފަރުދުން އަދި ވިޔަފާރި (ސޯލް ޓްރޭޑަރ، ޕާރޓްނާޝިޕް، ލިމިޓެޑް ކޮމްޕެނީ) އަކަށް އެޕްލިކޭޝަން ހުށެއެޅޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.

މި ޕްރޮގްރާމްތައް އަމާޒުކޮށްފައިވަނީ އާބާދީ ބޮޑު އަދި އިޤްތިޞާދީ ހަރަކާތްތައް އެންމެ ގިނަ ސަރަޙައްދުތަކުގެ ތެރެއިން މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ކުރިއަށްގެންދާ ވިޔަފާރި ހަރަކާތްތަކަށް ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

މި ޕްރޮގްރާމަށް ކުރިމަތިލާ ކޮންމެ ފަރާތަކަށް އެއްލައްކަ ރުފިޔާއާއި، ހަމައަށް މާލީ އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމު އަމާޒުކޮށްފައިވަނީ އެންމެ ކުދި ވިޔަފާރި (މައިކްރޯ ބިޒްނަސް)ގެ ގޮތުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރ ކޮށްގެން ހިންގާ ވިޔަފާރިތަކެވެ.

އެހެންނަމަވެސް ރަސްމީ ސިފައެއްގައި މިހާރު ރަޖިސްޓަރކޮށްފައި ނުވިނަމަވެސް، މި ޕްރޮގްރާމުގެ ތެރެއިން އެ ވިޔަފާރި ހަރަކާތް ރަޖިސްޓަރ ކުރުމަށް އެއްބަސްވާ ފަރާތްތަކަށްވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މި ދެ ޕްރޮގްރާމުގެ ތެރެއިން ސްމޯލް ގްރާންޓްސް ޕްރޮގްރާމް ފޮރ ވިމެން ލީޑް ބިޒްނަސްގެ މަޤްޞަދަކީ ހިނގަމުންދާ ވިޔަފާރިތައް ފުޅާކުރުމަށް ނުވަތަ އަލަށް ފަށައިގަންނަ ވިޔަފާރިތައް ފަށަން ބޭނުންވާ ކަނބަލުންގެ ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީ ކުރުމަށް މާލީ އެހީ އަދި ތަމްރީން ފޯރުކޮށްދިނުމެވެ.

ގްރާންޓްސް ފޯ ޓެއިލަރިންގ ބިޒްނަސެސް ޕްރޮގްރާމުގެ އެންމެ ބޮޑު ބޭނުމަކީ ފެހުމުގެ ސިނާޢަތުގައި ހިނގަމުންދާ ވިޔަފާރިތައް ފުޅާކުރުމަށް ނުވަތަ އަލަށް ފަށައިގަންނަ ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީ ކުރުމަށް މާލީ އެހީ އަދި ތަމްރީން ފޯރުކޮށްދިނުމެވެ.

މިއެހީ ދޫކުރުމުގައި ބަލާނެ ބައެއް ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކަށްވުމާއި، ވިޔަފާރީގެ %100 ހިއްސާ ދިވެހިންގެ ނަމުގައި އޮންނަ ވިޔަފާރިއަކަށްވުންވެސް ހިމެނެއެވެ. އަދި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މެދުވެރިކޮށް ފޯރުކޮށްދީފައިވާ ގްރާންޓް ޕްރޮގްރާމްތަކުގެ ތެރެއިން "މީރީ" ބީ.ޕީ.ސީ އާއި އައި.އެސް.އޭ ސެލްފް އެމްޕްލޯއިމަންޓް ގްރާންޓްސް ޕްރޮގްރާމްގެ އެހީތެރިކަން ލިބިފައިވާ ފަރާތެއްކަމުގައި ނުވުން ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ހާަމަކުރާ ގޮތުގައި މި އެހީއަށް އެދުމަށްޓަކާ އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ މިނިސްޓްރީގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.

އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ނީޒާ ޢިމާދެވެ. މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރާއި، ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް