ތިން ޤައުމަކުން ރާއްޖެއަށް ކަނޑައެޅި ސަފީރުންގެ ފަތްކޮޅު ރައީސަށް އަރުވައިފި

ތިން ޤައުމަކުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރުން، އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި...

22 May 2023 | 12:37

ތިން ޤައުމަކުން ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރުން، އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަކިވަކިން ބޭއްވެވި ރަސްމިއްޔާތުގައި ސަފީރުކަމުގެ ފަތްކޮޅު އެމަނިކުފާނަށް އަރުވާފައި ވަނީ ހަންގޭރީ، މެލޭޝިއާ އަދި ޗެކް ރިޕަބްލިކްގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންނެވެ.

އެގޮތުން ހަންގޭރީ ސަރުކާރުން ދިވެހިރާއްޖެއަށް އައު ސަފީރެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ އިސްޓްވާން ސްޒާބޯއެވެ. އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްފަހު، ހަންގޭރީގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި ޙަފްތާގައި ރާއްޖެއާއި ހަންގޭރީއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 48 އަހަރު ފުރޭކަން ފާާހަގަކުރައްވައި، ޚާއްޞަކޮށް ފާއިތުވި ދެ އަހަރު ދެޤައުމުގެ މަތީ ފަންތީގެ ބޭފުޅުންގެ ޒިޔާރަތްތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުންވެސް ދެބޭފުޅުން ވަނީ މަތީ ތަޢުލީމުގެ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާއިންނާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ވިޔަފާރިއާއި ޢިޤްތިޞާދުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެެއްވުމަަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ އާއި ހަންގޭރީގެ ސަފީރު ވަނީ، ދެޤައުމުގެ މެދުގައި އޮތް ގާތް ރަޙްމަތްތެރިކަމުގެ ގުޅުން، އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާާޅުވެފައެވެ.

ހަަމައެހެންމެ މެލޭޝިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކީ ބަދްލީ ހިޝާމް ބިން އާދަމެވެ. އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވުމަށްފަހު އައު ސަފީރާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނަށް ވަނީ މަރުޚަބާ ވިދާޅުވެފައެވެ. އަދި މެލޭޝިޔާގެ ބޮޑުވަޒީރަށާއި، މެލޭޝިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ މެލޭޝިޔާ އަކީ ވޭތުވެދިޔަ 55 އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަޙައްދީ މުހިންމު ބައިވެރިއެއް ކަމާއި ގާތް ރަހުމަތްތެރި ޤައުމެއްކަން ފާހަގަކުރައްވާފައެވެ.

އަދި ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ގާތްގުޅުން ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ކުރެވުނު ދަތުރުތަކުން ހާމަވާކަން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި މެލޭޝިއާގެ އައު ސަފީރު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން، ޑޮމެސްޓިކް ޑްރައިވިން ލައިސަންސް ބަލައިގަތުމާ ގުޅޭ ގޮތުން ދެ ޤައުމުގެ ދެމެދުގައި މިހާރު ނިމިފައިވާ މިއުޗުއަލް ރިކޮގްނިޝަން އެގްރީމަންޓަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދަތުރުފަތުރު ކުރުމުގައި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.

މެލޭޝިޔާގެ ޓެކްނިކަލް ކޯޕަރޭޝަން ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖެއާއި މެލޭޝިއާއި ދެމެދު ކުރާ ދަތުރުތައް އިތުރުކޮށް، މެލޭޝިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދުތައް އިތުރުކުރަން ރާއްޖެއިން ޝަޢުގުވެރިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެ ޤައުމުންވެސް ވަނީ ދެއްވާފައެވެ. ރާއްޖެއާއި މެލޭޝިޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1968 ވަނަ އަހަރުއެވެ.

މީގެ އިތުރުން ޗެކް ރިޕަބްލިކުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޑޮކްޓަރ އެލިސްކާ ޖިގޯވާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަނީ އަރުވާފައެވެ.

ފަތްކޮޅު އެރުވުމަށްފަހު ޗެކް ރިޕަބްލިކްގެ އައު ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަފީރުގެ ދައުރު ފެއްޓެވުމުން އެކަމަނާއަށް ތަހުނިޔާ ވިދާޅުވެ، މިއަހަރަކީ ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 30 އަހަރު ފުރޭ އަހަރުކަން ފާހަގަކުރެއްވިއެވެ.

އަދި ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

ސަފީރާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ އެކި ދާއިރާތަކުން ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައިވާ ޤައުމެއްކަން ފާހަގަކުރައްވައި، ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތުތައް ހޯއްދެވުމަށް ޗެކްގެ އިންވެސްޓަރުންނަށް ދަޢުވަތު ދެއްވިއެވެ.

އަދި މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމާއި، ޞިއްޙީ ދާއިރާއާއި، ތިމާވެއްޓާއި، މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމުގެ އުއްމީދުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް