ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވައި ނިޒާމު ގެއްލުވާލަން މަސައްކަތް ކުރަން ފެއްޓެވުމުން ތިން މެމްބަރެއްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފި އެވެ.
މިއަދު މަޖިލީހުގައި ފުރަތަމަ އޮތީ ވަޒީރުންނާއި ސުވާލު ކުރުމުގެ ވަގުތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ސުވާލު ކުރުމެވެ.
ނަން އިއްވައި ތަޅުމުން ބޭރު ކުރީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. އެބޭފުޅުން އަޑުގަދަ ކުރަން ފެއްޓެވީ އިމްރާން ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ.
އެބޭފުޅުން އަޑުގަދަ ކުރައްވަން ފެއްޓެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވުމުން އެކަމާއި ހިތްހަމަ ޖެހިވަޑައިނުގެންނެވެ. އެބޭފުޅުން ދެއްކެވި ގިނަ ވާހަކަތައް ސާފު ނުވާއިރު އަޑުގަދަ ކުރެއްވީ މިނިސްޓަރު އިމްރާންގެ ކުރިމަތީގައި ތިއްބަވައިގެންނެވެ.
އެ ތިން ބޭފުޅުން އަޑުގަދަ ކުރަން ފެއްޓެވުމުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރު ވަނީ ހިތްހަމަ ޖެހިވަޑައި ނުގަތް އެތަނަށް ވަޑައިގެން އެ މެމްބަރުންނާއި ދިމާލަށް އެއްޗެހި ކިޔުއްވާފައި އެވެ. އޭނާ އެނބުރި ގޮނޑިއަށް ވަޑައިގެންނެވީ ރިޔާސަތުން ނަސޭހަތްތެރިވުމުންނެވެ.
ޖަލްސާ އަލުން ފެށީ ނަން އިއްވި ތިން މެމްބަރުން މަޖިލީހުގެ ތަޅުމުން ސެކިއުރިޓީން މެދުވެރިކޮށް ނެރެން ތިން މިނެޓަށް މަޖިލީސް މެދުކަނޑާލުމަށް ފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް