ޝޫޓް ކުރުމަށް ފަހު އަބްދުލްގެ ބައި ސަލްމާންގެ އާ ފިލްމުގައި ނުހިމަނާ!

މިދިޔަ މަހު ރިލީޒް ކުރި ސަލްމާން ހާންގެ ފިލްމު “ކިސީކާ ބާއި ކިސީކީ ޖާން” ގައި ބޮލީވުޑަށް އަލަށް ތަރިންތަކެއް ތައާރަފު ވި އެވެ. އޭގެ ތެރޭގައި ބިގް ބޮސް ޝޯއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޝެހެނާޒް ގ...

22 May 2023 | 03:55

މިދިޔަ މަހު ރިލީޒް ކުރި ސަލްމާން ހާންގެ ފިލްމު “ކިސީކާ ބާއި ކިސީކީ ޖާން” ގައި ބޮލީވުޑަށް އަލަށް ތަރިންތަކެއް ތައާރަފު ވި އެވެ.

އޭގެ ތެރޭގައި ބިގް ބޮސް ޝޯއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޝެހެނާޒް ގިލް އާއި ޝްވޭތާ ތިވާރީ (ޕްރޭނާ)ގެ ދަރިފުޅު ޕަލަކް ތިވާރީ ހިމެނެ އެވެ. އެތަރިންގެ އިތުރުން ތަޖިކިސްތާންގެ ލަވަކިޔުންތެރިޔާ އަބްދުލް ރޯޒިކްވެސް އެ ފިލްމުން ބޮލީވުޑަށް ތައާރަފު ވާނެކަމުގެ އަޑުތައް ފެތުރުނެވެ.

ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި އެ ފިލްމުގައި އޭނާ ފެނިގެންދާ ބައި ޝޫޓްވެސް ކުރި އެވެ. އެކަމަކު ފިލްމު ރިލީޒް ކުރި އިރު ފިލްމުން އަބްދުލް ފެނިގެން ގޮސްފައި ނުވާއިރު އޭނާ ޝޫޓް ކުރި ބައިވެސް ފިލްމުން އުނިކޮށްފައިވާކަން އެނގިގެން ދިޔަ އެވެ.

މިކަމާއި ގުޅިގެން އަމާޒުވި ސުވާލުތަކަށް ޖަވާބު ދެމުން އަބްދުލް މީޑިގާއި ބުނީ އޭނާގެ ބައި ޝޫޓްކޮށް ނިންމި ގޮތަށް ޖެހިގެން އައި ދުވަހު އޭނާ ބިގް ބޮސް 16 ގެ ގެއަށް ވަންނަ ޖެހުނީ ކަމަށެވެ. އޭގެ ފަހުން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ރީޗެކް ކުރި އިރު އެ ޝޮޓްތައް ކަމު ނުދާތީ އަލުން ޝޫޓް ކުރުމަށް އިތުރު ހަތަރު ދުވަސް ބޭނުން ކަމަށް އަންގާފައި އެވެ.

އަބްދުލް ބުނީ ބިގް ބޮސްގެ ގެއަށް ވަނުމަށް ފަހު ނުނުކުމެވޭނެ ކަމަކީ އެންމެންނަށް އެނގޭނެ ކަމެއް ކަމަށާއި އެހެންވެ އަލުން ފިލްމު ޝޫޓް ކުރަން ލިބުނު ފުރުސަތު ދޫކޮށްލަން ޖެހުނީ ކަމަށެވެ. އެކަމަކު އުންމީދަކީ އަދި ބޮލީވުޑް ފިލްމަކުން ކުރިޔަށް އޮތްތާ ފުރުސަތު ލިބުން ކަމަށް ބުންޏެވެ.

ބިގް ބޮސްގައި ދެއްކި ހުނަރަށް އޭނާއަށް ކޮންމެސް ވަރަކަށް އިންޑީއާއިން ވަނީ ޕްރޮޖެކްްޓުތައް ލިބިފައި އެވެ. އަދި ކުރިޔަށް ދިއުމުގެ މަގު ބަންދު ނުވާ ކަމަށް އަބްދުލް ބުނެފައި އެވެ.

އަބްދުލްއަކީ އުމުރުން ފަސް އަހަރުން ފެށިގެން ހެދިބޮޑުވުމުގައި ދިމާވެފައިވާ މައްސަލަ އަކާއި ގުޅިގެން އިސްކޮޅުން ދިގު ނުވާ މީހެކެވެ. މިހާރު އުމުރުން 20 އަހަރުގެ އަބްދުލް އަކީ ދުނިޔޭގެ އެންމެ ކުރު ލަވަކިޔުންތެރިޔާގެ ރެކޯޑު އޮންނަ މީހާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް