ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަލަށް އުފައްދަވާ ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓިކް އާއި ގުޅެން އުޅޭ ވާހަކަ އެމްޑީޕީގެ ބައެއް މެމްބަރުން ދޮގު ކުރައްވައިފި އެވެ.
އެ ޕާޓީ އުފެއްދުމުގެ ހުއުްދައަށް އެދުނީ އިއްޔެ އެވެ. ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުނީ ދާދިފަހުން އެމްޑީޕީން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ނަމުގައި އެވެ.
ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުމާއި އެކު ބައެއް ނޫސްތަކުން ވަނީ އެމްޑީޕީގައި ތިއްބެވި ގިނަ މެމްބަރުންތަކެއް ކެނޑިގެން އާ ޕާޓީ އާއި ގުޅުމަށް ނިންމާފައިވާ ކަން ހާމަކޮށްފައި އެވެ. އޭގެ ތެރޭގައި މިހާތަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަޅީގައި ތިއްބެވި 10 ވަރަކަށް މެމްބަރުންގެ ނަން އާންމުކޮށްފައި އެވެ.
އެކަމަކު އެ ލިސްޓުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވަނީ އެކަން ދޮގުކޮށްފައި އެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުންނެވީ ގަދަކޮށް އެމްޑީޕީ އާއި ރައީސް ސޯލިހާއެކު ކަމަށެވެ.
އަދި އެމްޑީޕީއަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަަމަށް ވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންނަވާ ލިސްޓުގައި އޭނާގެ ނަަން ހިމަނާފައިވާތީ އެކަން ދޮގު ކުރައްވާފައި އެވެ. މީކާއިލް ވިދާޅުވީ އޭރުވެސް މިހާރުވެސް އަދި ކުރިޔަށް އޮތްތާވެސް ހުންނަވާނީ ތިލަފަތާއި އެކު ކަމަށެވެ.
ދަ ޑިމޮކްރެޓިކް އާއި ގުޅުމަށް އެމްޑީޕީން މިހާތަނަށް 12 މެމްބަރަކު ވަނީ ވަކިވެވަޑައިގެންފައި އެވެ. މީގެ އިތުރުން ޕާޓީގެ އަސާސްތަކާއި ހިލާފުވެގެން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކި ކުރި އިރު އޭނާވެސް ތާއީދު ކުރައްވަނީ ރައީސް ނަޝީދަށެވެ.
އެކަމަކު އަދިވެސް ނަޝީދު ހުންނެވީ އެމްޑީޕީ މެމްބަރެއްގެ ގޮތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް