ފްލައިން ސްކޫލުގެ ޓްރެއިނިން ހެޑުގެ ހުއްދަ ބާތިލްކޮށް، އެކައުންޓެބްލް މެނޭޖަރަށް ފަހު އިންޒާރު ދީފި

އައްޑޫ ސިޓީގައި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް އިން ހިންގާ ފްލައިން ސްކޫލުގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަން ޑި ސިލްވާ އަށް ދޫކޮށްފައިވާ ހުއްދަ ސަރުކާރުން މާދަމާ އިން ފެށިގެން އަތުލަން ނިންމައިފި...

22 May 2021 | 17:02

އައްޑޫ ސިޓީގައި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް އިން ހިންގާ ފްލައިން ސްކޫލުގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަން ޑި ސިލްވާ އަށް ދޫކޮށްފައިވާ ހުއްދަ ސަރުކާރުން މާދަމާ އިން ފެށިގެން އަތުލަން ނިންމައިފި އެވެ.

ސިވިލް އޭވިއޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހުއްދަ އޭނާގެ އަތުން އަތުލަނީ ފްލައިން ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މެނޭޖްމަންޓުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ނުދާތީ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ، ފްލައިން ސްކޫލުގައި ކިޔަވާ ދަަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ނުކުރާ ކަމަށެވެ. އަދި ދަރިވަރުންގެ ކޯސް ފުރިހަމަކުރުމަށް ބުރޫ އަރާފައިވާއިރު އެކަމަށް ހައްލު ހޯދުމުގައިވެސް އެ ސްކޫލުގެ މެނޭޖްމަންޓުން ޒިންމާ އަދާނުކުރާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ، ފްލައިން ސްކޫލުގެ މައްސަލަތައް އަވަހަށް ހައްލު ނުކުރެވޭ ނަމަ އެ ތަނުގެ އެކައުންޓެބްލް މެނޭޖަރު އަލީ އަކްބަރު ޖީވަންޖީގެ ހުއްދަ ވެސް އަތުލާނެ ކަމުގެ އެންމެ ފަހުގެ އިންޒާރު ސިވިލް އޭވިއޭޝަން އޮތޯރިޓީން ލިޔުމުން ދީފައިވާ ކަމަށެވެ.

މިދިޔަ ހަފުތާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ ސްކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި އެ އޮތޯރިޓީގެ އިހުމާލެއް އޮތްތޯ ބެލުމަށް މިނިވަން އޮޑިޓެއް ހަދައި، އިހުމާލުވެފައި ވާ ނަމަ، އިހުމާލުވެފައިވާ ބަޔަކާ މެދު ފިޔަވަޅު އެޅުމަށް ވެސް ނިންމަވައިފަ އެވެ.

ފްލައިން ސްކޫލްގެ މައްސަލަ އަކީ ހައްލު ނުވެ ދިގުލަމުންދާ މައްސަލަ އެކެވެ. ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ސްކޫލް ހިންގާ ކުންފުންޏަށް ދުކޮށްފައިވާ ހުއްދަ ބާތިލް ކޮށް އެމީހުން ރާއްޖެއިން ފޮނުވާލުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

އެތަނާއި ގުޅީގެން ގޮތުން ކުރަމުންދާ ޝަކުވާތަކުގެ ތެރޭގައި ދަރިވަރުންނާއި މެދު ތަފާތު ކުރުމާއި ޑޮލަރުން ފީނެގުމާއި، ބައެއް ދަރިވަރުންނާއި މެދު ހިތްހަމަނުޖެހިގެން ސްކޫލުން ވަކި ކުރުން ހިމެނެ އެވެ. އަދި ކޯސް ނުނިމި ދިގުލައިގެން ދިއުމާއި ދަރިވަރުން ތަމްރީން ހެދުމަށް ބޭނުންވާ އަދަދަށް މަތިންދާ ބޯޑު ނެތުމާއި ގިނަ ބޯޓުތަކެއް ހަލާކުވެފައި ހުރުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް