އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ސުންނާފަތި ވެފައިވާ ޣައްޒާއަށް އެމެރިކާއިން އެހީތެރިކަން ފޯރު ކޮށްދޭން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
ބައިޑެން ވިދާޅުވީ، އެހެން ޤައުމުތަކާއި ގުޅިގެން، ޣައްޒާ އާރާސްތު ކުރުމަށް ބައިޑެންގެ ސަރުކާރުން ބޮޑު ހޭދައެއް ކުރަން ނިންމަވާފައިވާ ކަމަށެވެ. ނަމަވެސް ހަމާސްއަށް، އެ ޖަމިއްޔާގެ ހަތިޔާރުގެ ނިޒާމު އަލުން ބިނާ ކުރުމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށްވެސް ބައިޑެން ވިދާޅުވިއެވެ.
މީގެ އިތުރުން ބައިޑެން ވިދާޅުވީ، ޤުދުސްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް އިހްތިރާމް ކުރުމަށާއި، ހަމާސްއާއި އެކު، ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގައިވާ ފަދައިން، ޣައްޒާއަށް ބޭނުންވާ އެހީތެރިކަން ފޯރު ކޮށްދެވެން ޖެހޭނެ ކަމަށް، އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖެމިން ނަތަންޔާހޫއަށް ދަންނަވާފައި ވާނެ ކަމަށެވެ.މި ދެ ޤައުމުގެ ވެރިންގެ މެދުގައި، މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި، ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަަލަސްޠީނުގެ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްވެސް ބައިޑެންވަނީ ނަތަންޔާހޫއަށް ދަންނަވާފައެވެ.
މީގެ އިތުރުން، އިސްރާއީލު ރައްޔިތުންގެ ތެރެއިން، އަރަބީންނާއި ޔަހޫދީން، ނަސްލީ ތަފާތު ކުރުމެއް ނެތި، ހަމަހަމަ ކުރުމަށް އެމެރިކާއިން ގޮވާލާކަން ބައިޑެން ވަނީ ފާހަގަ ކުރައްވާފައެވެ.އަދި ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސްއަކީ ފަލަސްޠީނުގެ ރައްޔިތުންގެ ލީޑަރުގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށްވެސް ބައިޑެން ވަނީ ވިދާޅުވެފައެވެ.
އިސްރާއީލުން ވަގުތީ ގޮތުން ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއިއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރަމުން ގެންދާ ކަމަށް ވިދާޅުވެ ބައިޑެންވަނީ ނަތަންޔާހޫއަށް މި ބައްދަލުވުމުގައި ތައުރީފު ކުރައްވާފައެވެ.
އިސްރާއީލުން ފަލަސްޠީނަށް ދެމުން ގެންދިޔަ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލާފައި ވަނީ މިމަހުގެ 21 ވަަނަ ދުވަހުގައެވެ.11 ދުވަހަށް ދެމިގެން ދިޔަ މި ހަމަލާތަކުގައި ފަލަސްޠީނުގެ 232 ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި 65 ކުޑަކުދިން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް