އަޅުގަނޑު މަރާލަން ހަމަލާދޭން ހަރަދު ކުރި މީހުން ހޯދަން މަސައްކަތް ނުކުރާކަމަށް ހަބަރުލިބޭ: އެލެކްސް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލައިގެން ދިން ޓެރަރިސްޓު ހަމަލާއަށް ފަންޑު ކުރި މީހުން ހޯދަން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން މަސައްކަތް ނުކުރާކަމުގެ ހަ...

22 May 2021 | 11:52

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލައިގެން ދިން ޓެރަރިސްޓު ހަމަލާއަށް ފަންޑު ކުރި މީހުން ހޯދަން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން މަސައްކަތް ނުކުރާކަމުގެ ހަބަރު ލިބިފައިވާ ކަމަށް އެލެކްސް އަހުމަދު ބުނެފި އެވެ.

އެލެކްސް އަހުމަދަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި ރައީސް ނަޝީދުގެ ނަމުގައި ޓުވީޓު ކުރާ މީހެކެވެ. ނަޝީދު ރަސްމީ ޓުވިޓާ އެކައުންޓެއް ބޭނުން ކުރެއްވި ނަމަވެސް އެލެކްސް އަހުމަދުގެ ނަމުގައި ހުރިހާ ކަމެއްގައި ވަރަށް ހާމަކަން ބޮޑުކޮށް ހިޔާލުފާޅު ކުރާ ކަމަކީ އެންމެން ދަންނަ އާންމު ވާހަކަ އެކެވެ.

މިއަދު އެ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ބޮން ގޮއްވާލާ ނަޝީދު މަރާލަން އުޅުމުގައި ފައިސާ ހަރަދު ކުރި މީހުން ހޯދުމުގައި އެންސީޓީސީ އިން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ހަބަރު ލިބިފައިވާ ކަމަށެވެ. އިތުރު އެއްޗެއް އަދި އެ މައުލޫމާތު ލިބުނު ގޮތެއް ނުބުނެ އެވެ.

އެލެކްސް އަހުމަދު އެކައުންޓަކީ ނަޝީދު ބޭނުން ކުރައްވާ ޓުވިޓާއެއްކަން މީހުން ޔަގީން ކުރާ ބައެއް ސަބަބުތަކުގެތެރޭގައި އެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމް ތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަނުގައި ހުންނެވި ނަޝީދުގެ ހަބަރުތައް ވަރަށް ތާޒާކަމާއި ފޮޓޯ އާއި އެކު އާންމު ކުރަމުންދާތީ އެވެ. އަދި މިފަހުން އެލެކްސް އަހުމަދުގެ އެކައުންޓުން ކުރާ މިފަދަ ޓުވީޓުތައް އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ރީޓުވީޓު ކުރައްވާފައިވާތީ އެވެ.

އެގޮތުން އެލެކްސް މިއަދު ކުރެއްވި ޓުވީޓު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމު ރީޓުވީޓު ކުރައްވާފައިވެ އެވެ. އެކަމަކު ދުވަހަކުވެސް  އެއީ އެމަނިކުފާނުގެ އެކައުންޓެއް ކަމަށް ނަޝީދު އެއްބަސްވެވަޑައިގެންފަ އެއް ނުވެ އެވެ.

ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މައްސަލައިގަ މިހާތަނަށް ހަތަރު މީހުން ހައްޔަރު ކޮށްފައިވެ އެވެ. ފުލުހުން ބުނެފައިވަނީ މައްސައިގެ ތަހުގީގު ކުރިޔަށް ދާތީ އިތުރު ތަފްސީލް ހާމަ ކުރެެވެން ނެތް ކަމަށާއި އެކަމަކު ތަހުގީގު އެއްކޮށް ނިމޭއިރު އެ ހަމަލާ ދިނުމަށް ފަންޑު ކުރި މީހުންވެސް ހާމަވެގެން ދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް