ށ. ޅައިމަގު ސްކޫލްގައި މަސައްކަތް ކުރާ ޓީޗަރަކުވެސް އިސްރާއީލަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރި މައްސަލައިގަ ޓީޗަރު ރަށުން ބާލއިފި އެވެ.
އެ ރަށުގައި އިސްރާއީލަށް ތާއީދުކޮށް އެކަން ހާމަކުރީ އިންޑިއާއަށް ނިސްބަތްވާ ކެމިސްޓްރީ ޓީޗަރެވެ. އޭނާ އެ ރަށު ސްކޫލްގައި މަސައްކަތް ކުރަން ފަށާފައިވަނީި މިދިޔަ އަހަރު އެވެ.
އެ ޓީޗަރު އިސްރާއީލަށް ތާއީދުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓު ކޮށްފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށްވެ އެވެ. އެކަމަކު އެކަން ސްކޫލާއި ރައްޔިތުންގެ ސަމާލުކަމަށް އައީ އިއްޔެ އެވެ.
ޅައިމަގު ސްކޫލުންގެ ޕްރިންސިޕަލް މުހައްމަދު ފަޔާޒު ވިދާޅުވީ އެ ޓީޗަރު މިހާރު ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. ސްކޫލުގެ ވަޒީފައިން ޓީޗަރު ވަކި ކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމާނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށް ވިދާޅުވި އެވެ.
ޓީޗަރުގެ އަމަލާއި ގުޅިގެން ބެލެނިވެރިން ހިތްހަމަ ނުޖެހުން ފާޅުކޮށް ޓީޗަރު ދިރިއުޅޭ ގޭކައިރީގައި ވަނީ މުޒާހަރާކޮށްފައި އެވެ. އަދި އެ ޓީޗަރު ރަށުން ބޭލުމަށް ގޮވާލާފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޅައިމަގު ސްކޫލުގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރަކާމެދު އެ ރަށު ރައްޔިތުން ހިތްހަމަ ނުޖެހުން ފާޅުކޮށް އެ ރަށުން ބޭލުމަށް ގޮވައިލުމާއި ގުޅިގެން، އެ ޓީޗަރުގެ ރައްކާތެރިކަމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށުން ރޭ އެ ޓީޗަރު ޅައިމަގުން ބާލައިފައިވާ ކަމަށެވެ.
މިއީ އިންޑިއާ ޓީޗަރަކު އިސްރާއީލަށް ތާއީދު ކުރި މައްސަލަ ކުރިމަތިވި ދެ ވަނަ ފަހަރެވެ. އިއްޔެ ވަނީ ހދ. ހަނިމާދޫ ސްކޫލްގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރަކު އިސްރާއީލަށް ތާއީދު ކުރުމުން ވަޒީފާއިން ވަކިކޮށް އަނބުރާ ގައުމަށް ފޮނުވާލަން ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް