ހާދިސާ ހިނގިއިރު ޖިދާދު އެތަނުގައި ނެތް: މަންޒަރު އެންމެ ގާތުން ދުށް ފަރާތް

ހާދިސާ ހިނގިއިރު ޖިދާދު އެތަނުގައި ނެތް ކަމަށް މަންޒަރު އެންމެ ގާތުން ދުއް ފަރާތަކުން ބުނެފިއެވެ. މެމްބަރު އީސަ އޭނާގެ އަނބިމީހާ އަސްރާ ނަސީމަށް އަނިޔާކުރިކަމަށް ބުނާ ހާދިސާގައި، އީސަ ދިފާއުގައި އީސަގ...

22 May 2021 | 06:24

ހާދިސާ ހިނގިއިރު ޖިދާދު އެތަނުގައި ނެތް ކަމަށް މަންޒަރު އެންމެ ގާތުން ދުއް ފަރާތަކުން ބުނެފިއެވެ.

މެމްބަރު އީސަ އޭނާގެ އަނބިމީހާ އަސްރާ ނަސީމަށް އަނިޔާކުރިކަމަށް ބުނާ ހާދިސާގައި، އީސަ ދިފާއުގައި އީސަގެ ދޮށީ ދަރި މުޙައްމަދު ޖިދާދު އަޙްމަދު އީސަ ބުނެފައި ވަނީ، އީސަ އެފަދަ ކަމެއް ކުރާނެކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

"އަޅުގަނޑަކީ އަޙްމަދު އީސާގެ ދޮށީ ދަރި މުޙައްމަދު ޖިދާދު އަޙްމަދު އީސާއެވެ. އަޅުގަނޑަކީ ބޭރުަގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. މިދިޔަ 3 ވަރަކަށް އަހަރު ދިރިއުޅެމުން އައީ ރާއްޖެއިން ބޭރުގައެވެ. ނަމަވެސް ކޮވިޑު ހާލަތާ ގުޅިގެން ރާއްޖެ އައިސް ދިިރިއުޅެމުން މިގެންދަނީ ބައްޕައާއި ލޫތު ކޮއްކޮއާއި އަސޫ ދައްތައާ އެކު އެއްގޭގައެވެ." އީސަގެ ދިފާއުގައި މީސްމީޑިޔާއަށް ދޫކޮށްލި ލިޔުމެއްގައި ޖިދާދު ބުނެފައި ވެއެވެ.

https://twitter.com/dhuvasmv/status/1395863899942031360

މިކަމާ ގުޅޭގޮތުން އެވަގުތު އެ ހާދިސާ ހިނގިތަނަށް އެންމެ ފުރަތަމަ ދިޔަ މީހަކު 'ދުވަސް' އަށް މައުލޫމާތު ދެމުން ބުނީ، އީސަ އަނިޔާކުރާތީ އަސްރާ އެންމެ ފުރަތަމަ ގުޅީ ޖިދާދުއަށް ކަމަށެވެ. އަދި އީސަ އަނިޔާކުރާތީ ގެއަށް އަހިސްދިނުމަށް ޖިދާދު ކައިރީ އެދުނުކަމަށެވެ. ނަމަވެސް އެރޭ ޖިދާދު ގެއަށް ގޮސްފައި ނުވާކަމަށް، އެ ހާދިސާ އެންމެ ގާތުން ދުއް އެކަކު ބުނެއެވެ.

އޭގެ ފަހުން އަސްރާ ގުޅީ އޭނާގެ ދޮންބެ ހައިދަރު ނަސީމް އަށެވެ. އެހެންކަމުން އަސްރާމެން ދިރިއުޅޭ ގެއަށް ދިޔައީ ހައިދަރު އާއި އަސްރާގެ ދެބެންގެ ދެދަރި ކޮއްކޮ އަހުމަދު އަޝްހާދު ކަމަށް މައުލޫމާތު ލިބެއެވެ.

އޭގެ ފަހުގައި އަސްރާގެ ތުއްތަ ޝަޒްރާ ނަސީމް ވެސް އެގެއަށް ގޮސްފައި ވެއެވެ. ފުލުހުން އެތަނަށް ދިޔައިރު ވެސް އަސްރާގެ އާއިލާގެ މި މެމްބަރުން އެތާ ތިއްބެވެ. ނަމަވެސް އޭރުވެސް ޖިދާދު އެތަނަށް ގޮސްފައެއް ނުވެއެވެ.

އެހެންކަމުން ޖިދާދުއަށް ފެންނާނީ 'ކޮން މަންޒަރެއް' ތޯ މަންޒަރުުދުއް ފަރާތުން ސުވާލު އުފައްދާފައި ވެއެވެ. "މުޅި ހުރިހާކަމެއް ހިނގި އިރުވެސް އޭނަ (ޖިދާދު) އެތަނަކަށް ނުދޭ. ދެން އޭނަައަށް އެއްވެސް އެއްޗެއް ނޭނގޭނެ އެންނު" އެވަގުތު އެތާހުރި މީހަކު 'ދުވަސް' އަށް މައުލޫމާތު ދެމުން ބުންޏެވެ.

އެތަނުން ފުލުހުންގެ އެހީގައި އަސްރާ ހޮސްޕިޓަލަށް ގެންގޮސްގައި ވަނީ5:30 ހާއިރުއެވެ. އަސްރާގެ ވާއަތުގެ ކޮނޑާއި ފަޔަށް އަދި އެކި ތަންތަނަށް އަނިޔާވެފައި ހުއްޓެވެ. އަދި ބައެއް ތަންތަން ދުޅަވެ ނޫފަ ވެފައިވެސް ހުއްޓެވެ.

އަސްރާގެ އަތް ބިންދައިގެން ގޮސްފައިވާ ވާހަކަ އާއިލާއިން ދޮގުކުރެއެވެ. އާއިލާއިންވެސް އަދި ހޮސްޕިޓަރުންވެސް، އަސްރާގެ އަތް ބިނދިފައި ވާކަމަކަށް ނުބުނެއެވެ. ބެލެވޭގޮތުގައި އެއީ މީސްމީޑިޔާގައި މީހަކު ތިލަކޮށްފައިވާ ވާހަކައެވެ.

ހާދިސާ ހިނގިވަގުތު، އިނގިލި ފިތިގެން، އަސްރާގެ އެއް އިނގިލި ދުޅަވެފައިވެއެވެ. އަދި އަސްރާގެ މޫނުމަތީގައި ޖެހާފައިވާތަން ދުޅަވެފައި ވާކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަސްރާއަށް އަނިޔާވެފައިވާކަމަށް، އޭނާ ދެއްކި އައިޖީއެމްއެޗްގެ ޑޮކްޓަރުވެސް ބުނެފައި ވެއެވެ.

މި ހާދިސާގެ ސަބަބުން  އަސްރާއަދި އޭނަގެ ދަރިފުޅު ލޫޠްއަށް ނަފްސާނީގޮތުން ގެއްލުން ލިބިފައިވާތީ، ދެމައިންނަށް ކައުންސެލިންގް ހޯދަން ފުލުހުން ލަފާ ދީފައި ވާކަމަށް އިތުބާރު ހުރި ފަރާތަކުން 'ދުވަސް' އަށް މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް