ކ. މާފުށީގައި ހަލުވިކަމާއި އެކު ކޯވިޑް ފެތުރުމަށް ފަހު އެރުގައި މިހާރު ހުރި ކޯވިޑް-19 ގެ އެކްޓިވް ކޭސްތަކުގެ އަދަދު 100 އިން ދަށްވެއްޖެ އެވެ.
ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހަކު ޕޮސިޓިވްވެ މާފުށި މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިހާތަނަށް އެ ރަށުން 560 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ.
މާފުށީ ސިއްހީ މަރުކަޒުގެ އެންމެ ފަހުގެ މައުލޫމާތުތައް ބުނާގޮތުން މިވަގުތު އެ ރަށުގައި ކޯވިޑް ޖެހިގެން ފަރުވާ ހޯދަމުން ދަނީ 98 މީހުންނެވެ. އަދި މިދިޔަ މަހެއްހާ ދުވަހު ބަލި ޖެހުނު 460 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މީގެ އިތުރުން ކޯވިޑް ޖެހުނު ދެ މީހަކު އެ ރަށުން މަރުވެފައިވެ އެވެ. ހަތް މީހުންގެ ހާލު ބޮޑުވެގެން ކޯވިޑް ފެސިލިޓީގައި ފަރުވާ ދޭން ޖެހުނު ނަމަވެސް މިހާރު ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެނީ އެންމެ މީހަކަށެވެ.
މާފުށީގެ ކޯވިޑްގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނައިރު ބުރާސްފަތި ދުވަހު އެ ރަށުން 14 މީހަކު ކޯވިޑަށް ޕޮސިޓިވްވި ނަމަވެސް އިއްޔެ އެއްވެސް މީހަކު ޕޮސިޓިވްވެފައެއް ނުވެ އެވެ. މިހާތަނަށް އެ ރަށުން 1،940 ސާމްޕަލް ކޯވިޑަށް ޓެސްޓުކޮށްފައިވެ އެވެ.
ކޯވިޑްގެ ހާލަތު ގޯސްވެގެން މިދިޔަ މަހެއް ދުވަހުގެ ތެރޭގައި ހަފްތާއެއް ވަންދެން މާފުށީގައި ކާފިއު ހިންގާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވެ އެވެ.
މާފުށީގެ އިތުރުން 66 ރަށެއް ކޯވިޑް ކޮންޓްރޯލް ކުރުމަށް މިވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ. އެޗްއީއޯސީން ބުނީ އަތޮޅު ތެރޭގެ 2،000 އަށްވުރެ ގިނަ އެކްޓިވް ކޭސްތައް އެބަހުރި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް