ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތައް ހާމަކޮށްދިނުމުގެ ގޮތުން އާންމު ކުރި ފޮޓޯތަކަށް ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައިދު ނުސީދާކޮށް ފާޑުވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދަށް ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެންނެވީ އެމަނިކުފާނަށް އަމާޒުކޮށް ބޮމެއް ގޮއްވާލައިގެން ދިން ޓެރަރިސްޓު ހަމަލާ އާއި ގުޅިގެންނެވެ. އެ ހަމަލާ ދީފައިވަނީ ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން ހިންގަވާފައި ގޮސް މަޖީދީމަގުގައި އޮތް ކާރުކޮޅަށް އަރާވަޑައިގެންނަވަނިކޮށެވެ.
އެ ހަމަލާއަށް ފަހު 16 ގަޑިއިރުގެ ދިގު އޮޕަރޭޝަންތަކެއް ކުރި ކަމަށް އޭޑީކޭއިން ހާމަކޮށްފައިވާއިރު ބައެއް މީހުން ދަނީ ނަޝީދު އެރޭ އެމްބިއުލާންސަން އަރާވަޑައިގެންނެވި އިރު ވާހަކަފުޅުދައްކަވާ ތަން، އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނާތީ ނަޝީދަށް މާބޮޑު ޒަހަމްތަކެއް ލިބިވަޑައިގެންފައި ނުވާކަމަށް ބުނަމުންނެވެ. ބޮލަށް ލިބުނު ގެއްލުން ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނިވަރުގެ ގެއްލުމެއް ނުލިބޭ ކަމަށްވެސް ސޯޝަލް މީޑިއާގައި ބައެއް ފޮޓޯތަކާއި އެކު އާންމުކޮށްފަވެއެވެ.
އެ ވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރަސްމީ ޓުވިޓާ އެކައުންޓުން ވަނީ އެމަނިކުފާނުގެ އިޒްނަފުޅާއި އެކު ނަޝީދަށް ލިބިވަޑައިގެންފަވާ ޒަހަމްތަކުގެ ފޮޓޯތައް އާންމު ކޮށްފަ އެވެ. ނަޝީދަށް ލިބިވަޑައިގެންފަވާ އަނިޔާ އާއި އެއްވަރަށް އެ ފޮޓޯތައް ނަގާފައިވާގޮތުންނާއި ނަޝީދުގެ ހަށީގަނޑު ފެންނަ ވަރާއި ގުޅީގެން މިހާރު ވަނީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފަ އެވެ.
https://twitter.com/mvpeoplesmajlis/status/1393535886214582274
ޝެއިހް ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުރިހާ އެންމެންވެސް އައުރައަށް ރައްކާތެރިވާން ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ވަކި ކަމެއް ސާބިތުކޮށްދޭން ވެސް އައުރަ އެންމެންނަށް ހާމަ ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
ޝެއިހްގެ ވާހަކަ އަމާޒު ކުރައްވާފައިވަނީ ސީދާ ކާކަށް ކަމެއް ލިޔުއްވާފައެއް ނެތެވެ. އާންމުކޮށް ޓުވިޓާގައި ވަކި މީހަކަށް އަމާޒުކޮށް އެއްޗެއް ބުނާނަމަ އެ ވާހަކައެއް ރައްދުވާ މީހަކު ޓެގް ކުރާނެ އެވެ.
ޝައިހް ޒައިދު ނުސީދާކޮށް ނަޝީދަށް އަމާޒުކޮށް އެހެން ވިދާޅުވުމުން ބައެއް މީހުން ގެންދަނީ ނަޝީދަކީ އެވަގުތު ބަލި މީހެއް ކަމަށްބުނެ ޝެއިހަށް ފާޑުކިޔަމުންވެ. އެކަމަކު ޝެއިހް ވަނީ ޤުރުއާނާއި ސުންނަތުން ކޮންމެ ހާލަތެއްގައިވެސް އަންހެނުންނެކޭ އެއްގޮތަށް ފިރިހެނުންވެސް އައުރަ ނިވާކުރުމުގެ މުހިންމުކަން ސާބިތުވާ ކަމުގެ އާޔަތްތައް ޓުވިޓާގައި ހިއްސާ ކުރައްވާފަ އެވެ.
https://twitter.com/alizaid1000/status/1395689012086513668
ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާއަށް ޖަރުމަނުވިލާތަށް ވަޑައިގެންނެވީ މިމަހުގެ 13 ވަނަ ދުވަހު އެވެ. ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދެވުމަށް ފަހު އިއްޔެ އެމަނިކުފާނު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.
ނަޝީދަށް ހަމަލާ ދިން މައްސަލައިގަ މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މި ހަމަލާއަކީ ހަރުކަށި ފިކުރާއި ގުޅުން ހުރި ހަމަލާއެއްގެ ގޮތުގައި ތުހުމަތުކޮށް ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް