ޗައިނާގެ ޔޫނާން ޕްރޮވިންސަށް އައި ބާރު ގަދަ ބިންހެލުމެއްގައި ދެ މީހަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.ހުކުރު ދުވަހުގެ ރޭ އައި މި ބިންހެލުން ރިކޯޑު ކޮށްފައި ވަނީ މެގްނިޓިއުޑު 6.1 ގެ ބާރު މިނުގައެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ބިންހެލުން އައިސްފައި ވަނީ ޗައިނާގެ ގަޑިން 9:48 ގައި، ބިމުގެ 10 ކިލޯމީޓަރު އަޑިން، ޗައިނާގެ ދާލީ ނަމަކަށް ކިޔާ ފަތުރުވެރި ސަރަހައްދަކަށެވެ. އެންމެ ފުރަތަމަ މި ބިންހެލުން މެގްނިޓިއުޑް 6 ގެ ބާރު މިނުގައި ރިޕޯޓު ކުރި ނަމަވެސް، ފަހުން ވަނީ ބިންހެލުމުގެ ބާރުމިން މަތި ކޮށްފައެވެ.
މި ބިންހެލުމުގައި ދެ މީހަކު މަރުވެ، 17 މީހަކު ވަރަށް ބޮޑަށް ޒަޚަމް ވެފައިވާ ކަމަށް ޗައިނާގެ އޮފިޝަލުން މައުލޫމާތު ދެއްވައެވެ. މިހާރު އެ ސަރަހައްދުން 20،000 މީހުން އެހެން ހިސާބުތަކަށް ބަދަލު ކޮށްފައި ވާއިރު، އެއްލައްކައަށް ވުރެ ގިނަ މީހުން އެ ސަރަހައްދުގައި ދިރި އުޅެމުން ދެއެވެ.
ޗައިނާގެ މީޑިއާތަކުން އާންމު ކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި،މި ބިންހެލުމުގެ ބާރު ގަދަ ކަމުން، ސީލިންގުގައި ހަރުކޮށްފައި ހުރި ބޮކިތައް ބާރު ބާރަށް ތެޅޭ ތަނާއި، އަލަމާރިތަކުގައި ބަހައްޓާފައިވާ ސާމާނުތައް ފައިބާތަން ފެނެއެވެ.އަދި ބިން ހެލުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން ސަލާމަތް ވުމަށް، ތިބި އިމާރާތްތަކުން ގިނަ ބަޔަކު މަގުމައްޗަށް ދުވެފަ ދާތަންވެސް ފެެނެއެވެ.
ޔޫނާންގައި ހުންނަ ޕްރޮވިންސު ސަރުކާރުން ބުނީ މި ބިންހެލުމުގެ ސަބަބުން ގިނަ އިމާރާތްތަކެއް ބިމާއި ހަމަވެފައިވާ ކަމަށާއި، އިތުރު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.ޗައިނާގެ އާރތުކުއޭކް ނެޓްވޯރކް ސެންޓަރުންވަނީ، އިމާރާތްތަކާއި ދުރުގައި ތިބުމަށް އެ ސަރަހައްދުގެ މީހުންނަށް އަންގާފައެވެ.އެއީ، މިފަދަ ބާރުގަދަ ބިންހެލުމަށްފަހު،ގިނަ ލޮޅުންތަކެއް އެރުން އެކަށީގެންވާތީއެވެ.
ޔޫނާނަކީ އާންމުކޮށްވެސް ބިންހެލުން އަންނަ ސަރަހައްދެކެވެ. މި ސަރަހައްދައް ބިން ހެލުން މިހާ ގިނައިން އަންނަނީ އިންޑިއަން އަދި އޫރޭޝިއަން ޕްލޭޓުގެ ސެއިސްމިކް ހަރަކާތްތަކުގެ ސަބަބުންނެވެ.2014 ވަނަ އަހަރު ޔޫނާނަށް އައި ބިންހެލުމެއްގެ ސަބަބުން ސަތޭކައަށްވުރެ ގިނަ މީހުން ޒަޚަމްވެ، އެއްލައްކައަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް