މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އިން ހުޅުމާލޭގައި އާޅަމުންދާ ދެ ޓަވަރުގެ ފްލެޓުތަކަށް އެދުމަށް މުވައްޒަފުންނަށް ފޯމު ދޫކުރަން ފަށައިފި އެވެ.
އެމްއޭސީއެލްއިން ބުނީ އެ ޓަވަރުތަކުގައި އާޅާ ފްލެޓުތަކުގެ ތެރެއިން 312 ފްލެޓެއް މުވައްޒަފުންނަށް ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 72 ފްލެޓާއި އަދި ދެ ކޮޓަރީގެ 240 ފްލެޓެވެ. އެކަމަކު ފްލެޓުތައް ވިއްކަން ހަމަޖެހިފައިވާ އަގުތަކެއް އަދި ހާމައެއް ނުކުރެ އެވެ.
އެ ކުންފުނިން ބުނީ ފްލެޓުތަކުގެ އަގުތައް މާ ބޮޑު ނުވާނެ ކަމަށެވެ. އަދި ފްލެޓުތައް ލިބޭ މުވައްޒަފުންނަށް އަގު އަދާ ކުރުމުގައި ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދޭނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.
މުވައްޒަފުންގެ ތެރެއިން ފްލެޓަށް ކުރިމަތި ލެވެނީ ހަމައެކަނި ދިވެހިންނަށެވެ. އެކަމަކު މާލޭގައި، 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އޮތް މުވައްޒަފެއް ނަމަ ފްލެޓަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
އިތުރު ޝަރުތުތަކުގެ ތެރޭގައި އެއް ކޮޓަރީގެ ފްލެޓަށް ކުރިމަތިލާ މީހުންނަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ކުންފުނީގައި މަސައްކަތް ކުރާތާ ފަސް އަހަރު ވެފައިވާ މުވައްޒަފުންނަށް ވާންޖެހެ އެވެ. ދެ ކޮޓަރިއަށް ކުރިމަތިލާ މުވައްޒަފުންނަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ކުންފުނީގައި މަސައްކަތް ކުރާތާ 10 އަހަރުވެފައިވާ މުވައްޒަފުންނަށް ވާން ޖެހެ އެވެ.
އެމްއޭސީއެލްއިން ހުޅުމާލޭގައި އިމާރާތް ކުރަމުންދަނީ 15 ބުރީގެ ދެ ޓަވަރެވެ. އެ މަސައްކަތް ހަވާލު ކޮށްފައިވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް