ނަޝީދު ޕްރައިމަރީގައި ބައިވެރިކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްފި ނަމަ އެ ޕާޓި އާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ. އެ ކޮމިޝަނުގެ ރައ...

22 May 2018 | 12:12

އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްފި ނަމަ އެ ޕާޓި އާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.

އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ސޮއި ކުރައްވާ އެމްޑީޕީއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ޕާޓީގެ އެކްޓިވިސްޓުން މެދުވެރިކޮށް މާލެ އާއި އަތޮޅުތަކުގައި ހަބަރު ފަތުރަމުންދާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ. އެ ސިޓީގައި ބުނެފައިވަނީ ނަޝީދު ހިމަނައިގެން ބާއްވާ ޕްރައިމަރީއެއް އެ ކޮމިޝަނުން ބަލައި ނުގަންނާނެ ކަމަށެވެ.

ސަބަބެއް ކަމަށް ބުނެފައިވަނީ ކުރީގެ ރައީސް ނަޝީދަކީ ކުށެއް ސާބިތުވެފައިވާ ބޭފުޅަކަށްވާތީ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޝަރުތު ހަމަ ނުވާ ކަމަށެވެ. އީސީގެ ސިޓީގައި ވަނީ ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ބައިވެރިކޮށްފި ނަމަ އަޅާނެ ފިޔަވަޅުތައްވެސް ބަޔާންކޮށްފައި އެވެ.

އެގޮތުން ސިޔާސީ ޕާޓީގެ ގާނޫނުގެ 31 ވަނަ މާއްދާ އާއި 49 ވަނަ މާއްދާގެ ދަށުން އެމްޑީޕީއާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 31 ވަނަ މާއްދާގައި ބުނެފައި ވަނީ، ހައި ކޯޓަށް ހުށަހަޅައިގެން ޕާޓީ އުވާލެވޭނެ ހާލަތްތަކެވެ. އޭގެއިތުރުން ދެން ހަވާލާދީފައިވާ މާއްދާގައި ވަނީ ޕާޓީ ޖޫރިމަނާ ކުރުމެވެ.

"މުހައްމަދު ނަޝީދަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމުގައިވާތީ އެ މުއްދަތުގައި އެމަނިކުފާނަކީ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ ހައްގު ގެއްލިފައިވާ ބޭފުޅެކެވެ. މިފަދަ ފަރާތެއް ބައިވެރިކޮށްގެން ބާއްވާ ރިޔާސީ ޕްރައިމަރީއެއް މި ކޮމިޝަނުން ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ." އީސީގެ ސިޓީގައިވެ އެވެ.

ނަޝީދަށް ފުރުސަތު ނުދޭން އެންގުމުގެ ކުރިން، އިލެކްޝަންސުން ވަނީ ޕްރައިމަރީ ބޭއްވުމާ ގުޅޭ ގޮތުން އުސޫލެއް އާއްމުކޮށް، އެ ޕާޓީގެ އަސާސީ ގަވާއިދު ވެސް އިސްލާހުކުރަން ވެސް އަންގައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް