ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ އަބްދުލް މަޖީދު އަބްދުލް ބާރީ އަވަހާރަވެއްޖެ އެވެ.
ޑރ މަޖީދު އަވަހާރަވީ އަވައްޓެރި ސްރީލަންކާގައި ސްޓްރޯކެއް ޖެހިވަޑައިގެން ލަންކާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ގެންދާތާ ފަސް ދުވަސް ފަހުން ނެވެ. އަވަހާރަވީ މިއަދު މެންދުރު 2:45 ހާއިރު އެވެ.
އޭނާ އަވަހާރަވީ، ބައްދަލުވުމަކަށް ލަންކާ އަށް ވަޑައިގެން އުޅުއްވަނިކޮށެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 55 އަހަރެވެ. ޑރ. މަޖީދަށް ޖެހުނު ސްޓްރޯކާ ގުޅިގެން އޭނާގެ އޮޕަރޭޝަންތަކެއް ވެސް ވަނީ ކޮށްފަ އެވެ. އޭގެ ފަހުން ހާލު ރަނގަޅުވަމުން އައި ކަމަށް އާއިލާއިން މީޑިއާގައި ބުނެފައިވެ އެވެ.
އާއިލާއިން މީޑިއާގައި ބުނެފައިވަނީ ފަހުން ހާލު ސީރިއަސްވެ އާދިއްތަ ދުވަހުން ފެށިގެން ނޭވާ ލަމުން ގެންދިޔައީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ. ވެންޓިލޭޓަރު ނައްޓާލީ މިއަދު މެންދުރު އެވެ.
ޑރ. މަޖީދުގެ އާއިލާގެ ހުރިހާ ބޭފުޅުން މިހާރު ތިއްބެވީ ލަންކާގަ އެވެ. އަވަހާރަވި އިރު، އޭނާގެ އަނބިކަނބަލަކާއި ފަސް ބޭފުޅުން ދުނިޔޭގައި އެބަތިއްބެވި އެވެ.
ޑރ. މަޖީދަކީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. ތަފްސީރު އިލްމުން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ ޑރ. މަޖީދު ހުންނެވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ސީނިއާ ލެކްޗަރާގެ މަގާމުގަ އެވެ. އޭނާ އެ ޔުނިވާސިޓީގައި ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި އެ ފެކަލްޓީން ހިންގާ ޑިގްރީ ކޯސްތަކާއި މާސްޓާސް ކޯސްތަކުގައި ކިޔަވައިދެއްވުމުގެ އިތުރުން ތީސީސްތައް ސުޕަވައިޒް ކުރެއްވުން ހިމެނެ އެވެ.
އޭގެ އިތުރުން ޑރ. މަޖީދަކީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ވެސްމެ އެވެ.
ޑރ. މަޖީދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އުފެއްދި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ފުރަތަމަ ރައީސް ވެސް މެ އެވެ. އޭގެ އިތުރުން އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ޑިރެކްޓަރުގެ މަގާމު ވެސް އޭނާ ފުރުއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް