ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެނޫންވެސް ގާނޫނަކާއި ފުށޫ އަރާގޮތަށް އެއްވެސް ސިޔާސީ ޕާޓީއެއްގެ އަސާސީ ގަވައިދު އެކުލަވާލާފައިވާ ނަމަ އެކަމެއް އިސްލާހު ކުރަން އަންގައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ސޮއި ކުރައްވާ ޕާޓީތަކަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ބައެއް ސިޔާސީ ޕާޓީތަކުގެ އަސާސީ ގަވައިދުގެ ބައެއް މާއްދާތައް ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެނޫން ގާނޫނުތަކާއި ތައާރަޒުވާކަން ފާހަގަވެފައިވާ ކަމަށެވެ. އެ ސިޓީގައި ބުނެފައިވަނީ ކޮމިޝަނުން އެދެނީ އެފަދަ މާއްދާއެއް ގަވައިދު ބަޔާން ވެފައިވާނަމަ އެ މާއްދާއެއް ބާތިލް ވާނެކަމަށް ކަނޑައަޅައި ޕާޓީތަކުގެ އަސާސީ ގަވައިދަށް މާއްދާއެއް އިތުރު ކުރުމަށެވެ.
އީސީން ބުނީ މި ބަދަލާއި އެކު ކޮމިޝަނަށް އަލުން އަންގަންވާނެ ކަމަށެވެ. އަދި ޕާޓީތަކުގެ އަސާސީ ގަވައިދު އޮންނަން ޖެހޭނީ ގާނޫނާއި އެއްގޮތަށް ކަމަށް އެ ސިޓީގައި ހަނދާން ކޮށްދީފައިވެ އެވެ.
މި ސިޓީ ހުރިހާ ސިޔާސީ ޕާޓީތަކަށް ފޮނުވާފައިވާއިރު އެމްޑީޕީއަށް ވަނީ އިތުރު ސިޓީއެއް ފޮނުވާފައި އެވެ. އެ ސިޓީގައި ބުނެފައިވަނީ އެ ޕާޓީން ބާއްވަން ނިންމާފައިވާ ޕްރައިމަރީގައި ވާދަ ކުރާ ކެންޑިޑޭޓުންގެ މައުލޫމާތު އެ ކޮމިޝަނާއި ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް