ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަށް ކުރާ ދައުވާ އާއި ގުޅިގެން މިއަދު ބާއްވަން ތާވަލު ކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.
މިއަދު ތާވަލުކޮށްފައި އޮތީ އޭނާގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެކެވެ. އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓުން ހާމައެއް ނުކުރެ އެވެ. ޝަރީއަތް ތާވަލުކޮށްފައި އޮތީ މިއަދު މެންދުރު ފަހު 1:00 އަށެވެ.
މި ދައުވާ އޭނާގެ މައްޗަށް އުފުލީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި، ރިޝްވަތު ހިފައި ސަރުކާރު ވައްޓާލަން އޭނާ މަސައްކަތް ކުރި ކަމަށް ބުނެ އެވެ. އަދި ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި، ދައުލަތް ހިންގަން ބުރޫ އަރާ ފަދަ ގޮތަކަށް އަމުރު ނެރުމުގައި ސިނާންގެ ބައިވެރިވުން އޮތް ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މި މައްސަލައިގަ އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ސިނާން ވަނީ ދައުވާއަށް އިންކާރު ކުރައްވާފައި އެވެ. ދައުވާ އަށް އޭނާ އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ ޖުމްލަ 32 ހެއްކެއް އޭނާއާ ދެކޮޅަށް ހުށަހަޅާފަ އެވެ.
ސިނާނަށް ދައުވާ ސާބިތުވެއްޖެ ނަމަ، 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް