އިދިކޮޅު އެމްޑީޕީން މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނަށް ފޮނުވަން އަންގައިފި އެވެ.
އީސީން އިއްޔެ އެ ޕާޓީއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ޕްރައިމަރީ އެއް ބާއްވާނަމަ ބޭއްވުމުގެ ތިން ދުވަސް ކުރިން އެންމެ ލަސްވެގެން އެ މައުލޫމާތު ފޮނުވަންވާނެ ކަމަށެވެ. އަދި ޖުލައި އެކެއްގެ ކުރިން ޕްރައިމަރީ ބާއްވަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އީސީން ބުނީ ކެންޑިޑޭޓުންގެ މައުލޫމަތު ހޯދަނީ، ސިޔާސީ ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ބައިވެރި ނުވެވޭނެ ކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާތީ ކަމަށެވެ. އެމްޑީޕީ އާއި އިދިކޮޅު ކޯލިޝަނުން ނިންމާފައިވަނީ ވަކިވަކި ޕާޓީތަކުން އެތެރޭގައި ޕްރައިމަރީ ބޭއްވުމަށް ފަހު ހޮވޭ ކެންޑިޑޭޓުންގެ ތެރެއިން ބޭފުޅަކު އިންތިހާބުގައި ކޯލިޝަންގެ ކެންޑިޑޭޓުގެ ގޮތުގައި ނެރޭށެވެ.
މީގެ އިތުރުން އީސީން ވަނީ އެމްޑީޕީގެ އަސާސީ ގަވައިދު، ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އެހެން ވެސް ބައެއް ގާނޫނުތަކާ ހިލާފަށް ހުރި ނަމަ އެކަން އިސްލާހު ކުރުމަށް ފަހު އެކަން ކޮމިޝަނަށް ހުށަހެޅުމަށް އަންގާފައި އެވެ. އެގޮތުން އެމްޑީޕީގެ އަސާސީ ގަވާއިދުގައި ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފު މާއްދާއެއް އޮތް ނަމަ އެ މާއްދާ ބާތިލުވާނެ ކަމަށް ބަޔާންކޮށް އަސާސީ ގަވާއިދަށް މާއްދާއެއް އިތުރުކޮށް އެ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް އެދޭ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އީސީން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ވަނީ ކުށްވެރިންނަށް އިންތިހާބުތަކާއި ޕާޓީތަކުގެ ޕްރައިމަރީގައި ވާދަ ނުކުރެވޭނެ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް