ޅ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ހެނދުނު ގުޑުމެއްގެ އަސަރުކޮށްފައިވާ ކަމަށް ބުނެ ރިޕޯޓު ލިބިފައިވާ ކަމަށް މުސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ ލޮޅުމުގެ އިހުސާސް ވި ކަމަށްބުނާ ރަށްތަކުގެ ތެރޭގައި ނައިފަރު، މާފިލާފުށި، އޮޅުވެލިފުށި، ހިންނަވަރު އަދި ބައެއް ރިސޯޓުތައް ހިމެނޭ ކަމަށެވެ. ލޮޅުން އެރިކަމަށް އެމީހުން ރިޕޯޓުކޮށްފައިވަނީ ގާތްގަނޑަކަށް ހެނދުނު 6:30 އާއި 6:45 އާ ދެމެދު އެވެ.
އޮފިޝަލް ވިދާޅުވީ އެފަދަ ލޮޅުމެއް ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ އެހެން ގައުމަކަށް އައިކަން މެޓް އޮފީހުގެ ސިސްޓަމްތަކަށް ރެކޯޑު ކުރެވިފައި ނުވާ ކަމަށެވެ. އެކަމަކު އެ ރިޕޯޓުތަކާއި ގުޅިގެން އިތުރަށް އެކަން ބަލަމުންދާ ކަމަށެވެ.
އެ ރަށްރަށުން މީޑިއާގައި ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވަނީ ހެނދުނު ބިން ހެލުމެއްގެ އިހުސާސް ކުރެވުނު ކަމަށެވެ. އެއީ މާ ބޮޑަށް ނޫން ކަމަށެވެ.
މިދިޔަ 2016 ވަނަ އަހަރުގެ އޮކްޓޯބަރު 12 ވަނަ ދުވަހު އިންޑިއާ ކަނޑުގެ ބައެއް ހިސާބުތަކަށް އައި ބިން ހެލުމެއްގެ އަސަރު ޅ. އަތޮޅުގެ ރަށްތަކަށް ކޮށްފައިވެ އެވެ. އެ ފަހަރު ބިންހެލުން އައީ ކަނޑުގެ 10 ކިލޯ މީޓަރު އަޑިއަށެވެ. އެއީ ނައިފަރުގެ އިރުމަތިން 286 ކިލޯމީޓަރު ދުރުންނެވެ.
އަދި މިދިއަ އަހަރުގެ މާޗް މަހުގެ ތެރޭގައި ދެކުނުގެ އައްޑު އަތޮޅުގެ 755 ކިލޯ މީޓަރު ބޭރަށް ރިކްޓާ މިންގަނޑުން ފަސް މެގްނިޓިޓިއުޑްގެ ބިންހެލުމެއް އައެވެ. އެ ދެފަހަރުވެސް އެއްވެސް ގެއްލުމެއް ރަށަކަށްވެފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް