ނަޝީދު އެކަނި ވާދަކުރައްވާ ޕްރައިމަރީގެ ވޯޓުލުން ދަންވަރު 12 ޖަހަންދެން!

އިލެކްޝަންސް ކޮމިޝަނުން އިންޒާރު ދީފައި ވަނިކޮށް އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމައި ވޯޓުލާ ގަޑި އާންމުކޮށްފި އެވެ. އެޕާޓީން ބުނީ ޕްރައިމަރީގައި ވޯޓުލުމަށް ބޭނު...

22 May 2018 | 00:30

އިލެކްޝަންސް ކޮމިޝަނުން އިންޒާރު ދީފައި ވަނިކޮށް އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ނިންމައި ވޯޓުލާ ގަޑި އާންމުކޮށްފި އެވެ.

އެޕާޓީން ބުނީ ޕްރައިމަރީގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކަށް ވީހާވެސް ގިނަ ވަގުތު ދިނުމުގެ ގޮތުން އެ ދުވަހު މެންދުރު ފަހު 2:00 ން އެރޭ ދަންވަރު 12:00 އާއި ހަމައަށް ވޯޓުލުން ކުރިޔަށް ގެންދާނެ ކަމަށެވެ. އެހެން އިންތިހާބުތަކާއި ހިލާފަށް މިފަހަރުގެ ޕްރައިމަރީގައި ވޯޓުލާ ވަގުތު އިތުރު ކުރީ ގިނަ ބަޔަކު ޕްރައިމަރީގައި ވޯޓުލުމަށް ބޭނުންވެގެން އެދެމުންދާތީ ކަމަށެވެ.

އެމްޑިޕީން ބުނީ ރާއްޖޭގެ އެކި ސަރަހައްދަުތަކުގައި ހުރި ސިނާއީ މަސައްކަތް ކުރާ ރަށްރަށުގައި މަސައްކަތް ކުރާ އެމްޑީޕީގެ މެންބަރުންނަށްވެސް ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު ހޯދައި ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ރަށްރަށުން ވޯޓު ނެގުމުގެ ކަންކަން އިންތިޒާމް ހަމަޖެއްސުމަށް ޕާޓީއަށް އެހީވާން ބޭނުންވާ ފަރާތްތަކުން މާދަމާ ހަވީރު 4:00 ގެ ކުރިން ޕާޓީއަށް އެކަން އެންގުމަށް ވަނީ އެދިފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަންޏެވެ. އެމްޑީޕީގެ ޕްރައިމަރީ އިއުލާނުކޮށް ވާދަ ކުރަނީ ހަމައެކަނި ރައީސް ނަޝީދުކަން ހާމަ ކުރުމާއި އެކު އިލެކްޝަންސް ކޮމިޝަނުން ވަނީ އިންޒާރުގެ ބަޔާނެއް ނެރެފަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މިއަހަރުގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް ސިޔާސީ ޕާޓީތަކުން ބާއްވާ ރިޔާސީ ޕްރައިމަރީތަކުގައި ކުށެއް ސާބިތުވެފައިވާ މީހަކަށް ވާދަ ނުކުރެވޭނެ ކަމަށެވެ. އަދި ޕާޓީއަކުން ޕްރައިމަރީއެއް ބާއްވާނަމަ އީސީއަށް އެކަން އަންގަން ޖެހޭނެ ކަމަށެވެ.

އިތުރަށް ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރަން ރިޔާސީ ޕްރައިމަރީ އަށް ވެސް ކުރިމަތިލެވޭނީ ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް ހަމަވާ މީހުންނަށް ކަަމަށެވެ. އީސީން ބުނީ އެ އުސޫލުތަކާއި ހިލާފަށް ބާއްވާ ޕްރައިމަރީތައް ބާތިލްކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް