ރޭ މާލެ އަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު ގެއެއްގެ 18 މީހުންނަށް ވަގުތީ ހިޔާގައި ބޯހިޔާވަހިކަން ދީފައި އެބަތިބި ކަމަށް ޑިޒަސްޓާ މެނޭޖްމެންޓް ސެންޓަރުން ވިދާޅުވެއްޖެއެވެ.
ރޭގައި މާލެއަށް ކުރި ވިއްސާރާގައި ހ.ސޯސަންމީޑުގެއަށް ގެއްލުންތަކެއް ލިބިފައިވާއިރު، އެގޭގެ 18 މީހުންނަށް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ހިފާފައިވާ ދެގެސްޓް ހައުސްއެއްގައި ބޯހިޔާވަހިކަން ވަނީ ދީފައެވެ.
އެމްއެންޑީއެފް އިން ރޭ ހާމަކުރިގޮތުގަައި ހ.ސޯސަންމީޑުގެއަށް ގެއްލުން ލިބުނީ ޖެހިގެންހުރި ސޯސަން ފްލާވާގޭގެ އިމާރާތުން ހ. ސޯސަންމީޑުގެއަށް ފުރާޅުމައްޗަށް ގަލާއި ކުނި ފޭބުމުގެ ސަބަބުން ކަމަށެވެ. ހ.ސޯސަން ފްލާވާ ގޭގައި ކުރިން އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، އެހާދިސާއަށްފަހު އެގެ ސާފުނުކޮށް ހުރިކަމަށް އެމްއެންޑީއެފް އިން ރޭ ވިދާޅުވިއެވެ.
މިހާދިސާގެ މަޢުލޫމާތު ރޭ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ވަގުތުން އެސަރަހަށްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީ، އެގެ ސާފުކޮށް ނިންމާލާފައި ވަނީ ރޭ 21:00 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވި ނަމަވެސް އެގޭގެ ފުރާޅު ފޫގޮސް ފެން ފޭބުމުގެ ސަބަބުން އެގޭގައި ގެންގުޅޭ ބައެއް އިލެކްޓްރޯނިކް ތަކެއްޗަށްވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ އެގެ މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށާއި، މިއަދު އެގެ މަރާމާތުކޮށް ނިންމާ އެގެއަށް މީހުން ބަދަލު ކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް