ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތާ އެއްގޮތަށް ރޯދަ އިނާޔަތް ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.
ލޭބާ ރިލޭޝަންސް އޮތޯރިޓީން އިއްޔެ ކުރި އިއުލާނުގައި ވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ރޯދަ މަހުގެ އިނާޔަތް ބައެއް ފަރާތްތަކުން ނުދޭކަން ފާހަގަ ކުރެވޭ ކަމަށާއި، އަދި އިނާޔަތް ދޭއިރު ވެސް ގާނޫނުގައިވާ ގޮތުގެ މަތިން ނުދޭ ކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެންކަމުން ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން މި އަހަރުގެ ރޯދަ އިނާޔަތް މުވައްޒަފުންނަށް ދިނުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.
ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ދިވެހި ކޮންމެ މުވައްޒަފަކަށް 3،000ރ. ދިނުމަކީ ލާޒިމް ކަމެއް ކަމަށް ވަޒީފާ އާ ބެހޭ ގާނޫނުގައި މިހާރު އޮވެއެވެ. އަދި އަދި ބިދޭސީ މުވައްޒަފުންގެ ތެރެއިން މުސްލިމް މުވައްޒަފުންނަށް އެ އިނާޔަތް ދިނުމަކީ ވަޒީފާ ދޭ ފަރާތުގެ އިހްތިޔާރުގައި އޮންނަ ކަމެއް ކަމަށްވެސް ގާނޫނުގައި ވެއެވެ. ގާނޫނުގައި އޮންނަނީ ކޮންމެ އަހަރެއްގެވެސް ރޯދަމަސް ފެށުމުގެ ކުރިން އެ އިނާޔަތް މުވައްޒަފުންނަށް ދޭން ޖެހޭނެ ކަމަށެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި ކުރިން އޮތީ ވަޒީފާ އަދާކުރާ މުވައްޒަފެއްގެ އަސާސީ މުސާރައިގެ ތިން ބައިކުޅަ އެއްބައި ރޯދަ އިނާޔަތުގެ ގޮތުގައި ދިނުމަށެވެ. އަދި 2015 ވަނަ އަހަރު އެ ގާނޫނަށް އިސްލާހު ގެނަސް ކޮންމެ މުވައްޒަފަކަށް ވެސް ރޯދަ އިނާޔަތުގެ ގޮތުގައި މިހާރު 3،000ރ ދޭން ޖެހޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް