ދިވެހިރާއްޖޭގެ ކޯޓެއްގައި ފުރަތަމަ ފަހަރަށް ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމުގެ ފުރުޞަތު ދީފިއެވެ.
ކުޑަކުއްޖެއްގެ ޢުމުރުން 8 އަހަރުން ފެށިގެން 18 އަހަރާ ހަމައަށް (10 އަހަރު ދުވަސް ވަންދެން) އެކި ފަހަރު މަތިން އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 54 (ފަންސާސް ހަތަރެއް) އަހަރަށް ޖަލަށްލުމަށް 21 އެޕްރީލް 2025 ދުވަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފައިވެއެވެ.
ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓަކީ ކުށެއްގެ ސަބަބުން ތަހައްމަލު ކުރަންޖެހުނު ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، މައްސަލައިގެ ހާދިސާގެ ސަބަބުން ދިރިއުޅުމަށް ކުރި އަސަރު ކޯޓުގައި ބަޔާންކުރުމަށް މައްސަލާގައި އަނިޔާލިބުނު ފަރާތުން ކޯޓުގައި ހުށަހަޅާ ބަޔާނެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބުނެފައިވާގޮތުގައި މި މައްސަލާގައި އަނިޔާ ލިބުނު ކުއްޖާ ވަނީ އެ އޮފީސް މެދުވެރިކޮށް ކޯޓަށް ބަޔާނެއް ހުށަހަޅައި، އެ މައްސަލައިގެ ޙާދިސާގެ ސަބަބުން ކުއްޖާގެ ދިރިއުޅުމަށް ކުރި އަސަރު ވަރަށް އަސަރާއެކު ބަޔާންކޮށްދީފައެވެ. މި ބަޔާން ކޯޓުގައި އިއްވަވައިދެއްވާފައިވަނީ ޕަބްލިކް ޕްރޮސިކިއުޓަރ އަލްއުސްތާޛާ އަލްމާސް މުބާރިކު ކަމަށް ބުނެފައިވެއެވެ.
"ޖިނާއީ މައްސަލަތަކުގެ ތެރެއިން ވިކްޓިމުން ހިމެނޭ މައްސަލަތަކުގައި، ކުށް ސާބިތުކުރުމަށް ކުރާ މަސައްކަތުގެ އިތުރުން، މި އޮފީހުން އެންމެ ބޮޑު އިސްކަމެއްދޭ ކަމަކީ ވިކްޓިމުން، ބާރުވެރިކުރުވުން، ވިކްޓިމް އިމްޕެކްޓް ސްޓޭޓްމަންޓް ހުށަހެޅުމަކީ ވިކްޓިމުން ބާރުވެރިކޮށް، ވިކްޓިމުންނަށް ތަސައްލީ ހޯދައިދިނުމަށްޓަކައި ހުޅުވާލެވިފައިވާ މިނިވަން ދީމިޤްރާތީ މުޖުތަމަޢުތަކުގައި އަމަލުކުރާ އުޞޫލެއް" ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މި މައްސަލާގައި ކުށް ސާބިތުވުމަށްފަހު އަދަބު ކަނޑައެޅުމުގެ ކުރިން އަނިޔާލިބުނު ކުއްޖާއަށް ކޯޓުގައި އެކުއްޖާގެ ބަސް އިއްވުމުގެ ފުރުޞަތު ލިބިދިނުމަށް ޕީޖީ އޮފީހުން ކޯޓުގައި އެދުމުން، ކޯޓުން އެ ފުރުޞަތު ދެއްވާފައިވާތީ އެކަމަށް މަރުޙަބާ ކިޔާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އެ އޮފީހުން ގެންދަނީ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ވިކްޓިމުންނަށް އޮތް ފުރުޞަތުތައް އިތުރަށް ފަހިކޮށްދީ، ވިކްޓިމް-ސެންޓާރޑް ނިޒާމަކަށް މިސްރާބު ޖަހަމުން ކަމުގައިވެސް އެ އޮފީހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް