ފާއިތުވި 24 ގަޑިއިރު އެކަނިވެސް އިސްރާއީލުން ޣައްޒާގެ 39 މީހުން ޝަހީދުކޮށްލާފައިވޭ

ފާއިތުވި 24 ގަޑިއިރު އެކަނިވެސް އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ 39 މީހުން ޝަހީދުކޮށްލައިފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސ...

22 Apr 2025 | 05:23

ފާއިތުވި 24 ގަޑިއިރު އެކަނިވެސް އިސްރާއީލުން ޣައްޒާގައި ފަލަސްތީނުގެ 39 މީހުން ޝަހީދުކޮށްލައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 39 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

މިއާއެކު ޣައްޒާގެ ނަސްލު ނައްތާލުމަށް ޓާގެޓުކޮށް 2023 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުވީ މީހުންގެ އަދަދު 51،240 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުކޮށްފައި ވެއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިތުރު 62 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ ކަމަށާއި އެއާއެކު ޒަހަމްވި މީހުންގެ އަދަދު 116،931 އަށް އަރާފައިވާ ކަމަށެވެ.

މީގެ އިތުުރުން މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ މީހުންނަށް އެމީހުންނާ ހަމައަށް ނުދެވުމުގެ ސަބަބުން މި ހަމަލާތަކުގައި ގާކުނޑި ދަށުވެފައިވާ އެތައްބަޔަކު އެބަތިބި ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލުން ވަނީ، ޖެނުއަރީ މަހުގެ ތެރޭގައި އެކަނިވެސް ޣައްޒާއަށް ދިން ޙަމަލާތަކުގައި 1864 މީހުން ޝަހީދުކޮށް، ގާތްގަނޑަކަށް 4900 މީހުން ޒަޚަމްކޮށްލާފައެވެ.

އިސްރާއީލުން ޣައްޒާގައި އިންސާނިއްޔަތާއި ހިލާފަށް ހިންގަމުން އަންނަ އެ ޖަރީމާތަކާއި ގުޅިގެން ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން މިދިޔަ ނޮވެމްބަރު މަހު ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އިސްރާއީލުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމަށް އަމުރެއްވެސް ނެރެފަ އެވެ. ނަމަވެސް އަދި މިހާތަަނަށް އެ ހަމަލާތަށް ހުއްޓުވޭނެ މަގެއް ހޯދުމަށް އިސްލާމީ ޤައުމުތަކާއި ސަރަހައްދީ ޤައުމުތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް