އިއްޔެ ބޭއްވުނު މަޖިލިސް އިންތިހާބުގައި، ސަރުކާރުން ކާމިޔާބު ހޯދެއްވީ ވަކި މީހެއްގެ ފޮޓޯ ނުވަތަ ހުސްގޮނޑިއެއް ބަހައްޓައިގެން ނޫން ކަމުގައި ގާސިމް އިބްރާހިމް ވިދާޅުވެއްޖެ.
ގާސިމް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ގާސިމް ވިދާޅުވެފައިވަނީ މި އިންތިހާބުން ފެނިގެން ދިޔައީ ރައީސް ޑރ.މުއިއްޒުއަށް ރައްޔިތުން އޮތް އިތުބާރާއި ލޯބި ކަމަށާއި ހަމަ އެހެންމެ 2023 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިހާބުގައިވެސް ރައީސް ޑރ.މުއިއްޒު ކާމިޔާބު ހޯދެއްވީ ރައީސް ޑރ.މުއިއްޒުއާއި، އެމަނިކުފާނުގެ ޓީމުގެ ބުރަ މަސައްކަތުން ކަމުގައިވެސް ގާސިމް ވަނީ ވިދާޅުވެފަ.
"މިދެންނެވި ހުސްގޮނޑި ނިސްބަތްވާ ފަރާތުން ރައީސް ޑރ.މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރާއި ގުޅޭ ގޮތުން، ފަތުރަމުން ގެންދެވި އަދި ގެންދަވާ ވާހަކަ ތަކާއި ތުހުމަތުތައް ކުރައްވަމުން ގެންދަވާ މިފަދަ ހަނޑިހުތުރު ޢަމަލުތައް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބަލައިނުގަންނަ ކަން ވޯޓުގެ ނަތީޖާ އިން ދިވެހީން އެވަނީ ދައްކުވާ ދެއްވާފަ. މި ބޭފުޅުން މަޖިލީހަށް ނެރުނު އެއްވެސް ކެނޑިޑޭޓަކަށް އިންތިހާބު ކާމިޔާބުވެފައި ނުވާކަން އެއީ ފެންނަން އޮތް ހަގީގަތެއް "ގާސިމް ވިދާޅުވެފައިވެއެވެ.
ކުރީގެ ރައިސް އަބްދުﷲ ޔާމިންގެ ތާއީދާ އެއްކޮށް އިއްޔެ މަޖިލިސް އިންތިހާބުގައި ވަނީ 35 ކެޑިޑޭޓުން ވާދަ ކުރައްވާފައެވެ. އެހެން ނަމަވެސް އެއްވެސް ކެނޑިޑޭޓަކަށް ގޮނޑި ކާމިޔާބުވެފައެއް ނުވެއެވެ.
އިއްޔެ ކުރިއްޔަށް ދިޔަ މަޖިލިސް އިންތިހާބުގައި ގާސިމް ވަނީ މާމިގިލި ދާއިރާއިން ވާދަކުރައްވާ ގޮނޑި ކާމިޔާބުކޮށްފައެވެ. މިކަމުގައި ގާސިމް އެދިނުލެއްވި ނަމަވެސް، ސަރުކާރުން މާމިގިލި ދާއިރާއަށް ސަރުކާރުގެ ކެނޑިޑޭޓެއް ނުނެރެއްވިން ކަމުން ގާސިމް ވަނީ ރައީސް ޑރ.މުއިއްޒުއަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް