އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރަކީ ހިތްވަރުގަދަ މަސައްކަތްޕުޅެއް ކަމުގައި ކުރީގެ ނައިބުރައީސް އަހްމަދު އަދީބު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނެފިއެވެ.
އެމްޓީޑީން މިހެން ބުނެފައިވަނީ ރައީސްގެ އެ ގަރާރާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރައީސް ޔާމީނު ގެންގުޅުއްވާ ނަސްލީތަފާތުކުރުމުގެ ސިޔާސީ ހައްދުފަހަނައެޅި ފިކުރުގެ "އިންޑިއާ އައުޓް" ކެމްޕޭނަކީ އިންޑިއާއާއި އަދި އިންޑިއާ ދަރިފަސްކޮޅުގެ ނަސްލާއިމެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފައްދާ އޭގެ ސަބަބުން މިގައުމު ހަމަނުޖެހުމަކަށް ވައްޓާލާ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް މިރީތި ގައުމު އިގްތިސާދީ ގޮތުން ބޮޑު އަނދަވަޅަކަށް ވައްޓާލަން ކުރާމަސައްކަތެއް ކަމަށެވެެ.
"މިކަން ހުއްޓުވަން ގައުމީ ސަލާމަތާބެހޭ ކޮމިޓީއިން ނިންމާ ރައީސް ސާލިހުގެ ގަރާރަކުން ކަނޑައެޅުމަކީ ދިވެހި ގައުމުގެ ދިފާއުގައި ރައީސް ސާލިހު ކުރެއްވި ހިތްވަރުގަދަ މަސައްކަތްޕުޅެކެވެ." އެ ޕާޓީން ބުނެފައިވެއެވެ.
އެ ޕާޓީން ބުނެފައިވަނީ ކޮވިޑާއި ހަނގުރާމައިގެ ވިލާތަކެއްގެދަށުގައި ދުނިޔޭގެ ގައުމުތައް އިނދަޖެހި އެތައް ދަތިތަކެއްގައި އުޅެމުންދާއިރު އަދި އެންމެ ކައިރިން އަވައްޓެރި ސްރީލަންކާ ރައްޔިތުން އުޅެމުންދާހާލާއި ދިވެހި ގައުމުގެ އަދުގެ އާންމު ހާލަތު އަޅާމިނެކިރާލާއިރު އަޅުގަނޑުމެން މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރަން ޖެހޭ ކަމަށާއި ނަމަވެސް ދިވެހި ގައުމުގެ ހާލަތު ނުރައްކަލުގެ ތެރެއަށް ވައްޓާލަން ރައީސް ޔާމީނާއި މަދުބަޔަކު ހުއްޓާނުލާ ކުރާމަސައްކަތަށް ފުރުސަތު ދީގެން ބަލަންތިބެގެން ނުވާނެކަން އެ ޕާޓީން ދެކޭކަމަށެވެ.
ރައީސް ޔާމީނު އަމިއްލަ އާއިލާ ދިރިއުޅުއްވާގެކޮޅުވެސް ނަފުރަތުގެ ރަމްޒަކަށް ހައްދަވާ ފެއްޓެވި "އިންޑިއާ އައުޓް" ބެނަރ ކެމްޕޭން ފުލުހުން ކޯރޓް އަމުރާއި އެކީގައި ހުއްޓުވުމަކީ އެއްވެސް ފަރާތަކަށް ގާނޫނުން މަތީގައި އުޅުމުގެ ފުރުސަތު ނުދޭނެ ކަމުގެ ފުރިހަމަ އިންޒާރެއް ކަމަށާއި މިގައުމަކީ ގާނޫނު ނުހިގާ ގައުމަކަށް ބަދަލުވާން ދޫކޮށްލެވޭނެ ގައުމެއްނޫން ކަމަށްވެސް އެމްޓީޑީން ބުނެފައިވެއެވެ.
މީގެ އިތުރުން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅައިގެން ކޮވިޑާއި އިގްތިސާދު ހަމަޔަކަށް ރައީސް ސާލިހު އެޅުއްވިގޮތަށް އެމަނިކުފާނު އިސްނަންގަވައިގެން ވަކި ނަސްލަކާއި ދެކޮޅަށް ރައީސް ޔާމީނު ފަށްޓަވާފައިވާ ނުރައްކާތެރި ރޭސިސްޓް ހޭޓް ކެމްޕޭން ހުއްޓުވުމަކީ މިގައުމުގެ އަދުގެ ހާލަތާއި ދިވެހި ގައުމުގެ މުސްތަގުބަލަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއްގޮތުގައި ދެކޭކަމަށްވެސް އެމްޓީޑީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް