މިއަދުވެސް އިޒްރޭލު ސިފައިން އަގްސާ މިސްކިތައްވަދެ އެތައް މުސްލިމުންނެއް ޒަހަމްކޮށްލައިފި

މި ރޯދަމަހު ފާއިތުވި ދެ ހުކުރެކޭ އެއްފަދައިން މިއަދުވެސް ފަތިސް ނަމާދު ވަގުތާ ދިމާކޮށް އިޒްރޭލުގެ ސިފައިން މަސްޖިދުލް އަގްސާއަށް ވަދެގެންފިއެވެ. މިއަދުވެސް އަގްސާ މިސްކިތަށް އިޒްރޭލު ސިފައިން ވަދެގަތީ...

22 Apr 2022 | 10:45

މި ރޯދަމަހު ފާއިތުވި ދެ ހުކުރެކޭ އެއްފަދައިން މިއަދުވެސް ފަތިސް ނަމާދު ވަގުތާ ދިމާކޮށް އިޒްރޭލުގެ ސިފައިން މަސްޖިދުލް އަގްސާއަށް ވަދެގެންފިއެވެ.

މިއަދުވެސް އަގްސާ މިސްކިތަށް އިޒްރޭލު ސިފައިން ވަދެގަތީ ރަބަރު ވަޒަން ޖަހަމުން "ފަޔަރ ގްރެނޭޑްސް" ވެސް އުކަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިއަދުވެސް އިޒްރޭލު ސިފައިންގެ އެ ހަމަލާތަކުގައި 30 އަށްވުރެ ގިނަ ފަލަސްތީނު މުސްލިމުން ޒަހަމްވެފައިވެއެވެ. އޭގެ ތެރެއިން 14 މީހަކު ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާ ހޯދަން ޖެހުނެވެ.

އިޒްރޭލު ފުލުހުން މިއަދުވެސް ބުނެފައިވަނީ ވަދެގަތީ ހުކުރު ނަމާދަށްފަހު ހަމަނުޖެހުން ހިންގައި ހިލައާއި އެހެނިހެންތަކެތި އުކާ، ޔަހޫދީންނާއި މުސްލިމުންނާއިދެމެދު ހަމަނުޖެހުން ހިންގަފާނެކަމަށް ގަބޫލު ކުރެވޭތީ އެއްކޮށްފައިހުރި ހިލައާއި އެފަދަ ތަކެތި ބޭރުކުރަން ކަމަށެވެ.

އެ އުޒުރު ދައްކައި ފާއިތުވި ތިން ހުކުރުގައިވެސް މިސްކިތަށް އިޒްރޭލު ފުލުހުން ވަދެ ރަބަރު އުންޑަ އާއި އެ ސިފައިންގެ އަތުގައި ހުންނަ ލަޓިބުރިއާއި ތަކެތިން އަނިޔާކޮށް އެތައް މުސްލިމުންނެއް އަންނަނީ ޒަހަމްކޮށްލަމުންނެވެ.

އިޒްރޭލުން އެފަދަ ބަހަނާއެއް ދެއްކި ނަމަވެސް އަސްލު ބޭނުމަކީ ޔަހޫދީން އަގްސާ މިސްކިތް ހިމެނޭ ބިމަށްވަދެ ޔަހޫދީން އަޅުކަންކުރުމަށް ފުުރުސަތު ފަހިކޮށްދިނުންކަމަށް މުރާސިލުން ބުނެއެވެ.

ފަލަސްތީނުގެ ބިމަށް ވެރިވެގަނެ އަތްގަދަކުރަމުން އަންނަ އިޒްރޭލުން މި ރޯދަމަހާއި ދިމާކޮށް ފަލަސްތީނުގެ މުސްލިމުންނަށް ދެމުން އަންނަ އަނިޔާ މިވަނީ އަނެއްކާވެސް ހައްދުފަހަނައަޅާ ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް