މިއީ ކާބަފައިންނަށްވުރެ އީމާންތެރިކަމާއި ދީންވެރިކަން ބޮޑުވާންޖެހޭ ޒަމާނެއްކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޝައިޚް ސަމީރު މިހެން ވިދާޅުވީ މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.
"ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް" މި މައުޟޫއަށް ވާހަކަފުޅުކުރިއަށް ގެންދަވަމުން ޝައިޚް ވިދާޅުވީ ކަލަކު ވޮޑިގެންވާކަމުގެ މައުޟޫޢުއަކީ ކާއިނާތުގައިވާ އެންމެ ބޮޑު ހަޤީޤަތްކަމަށެވެ.
ދުނިޔެއާއި ދުނިޔޭގައި ވާހަކަތަކެއްޗަކާއި އިންސާނުންނަށް އެނގޭ އަދި ނޭނގޭކަންކަމަށް ފިކުރުކޮށް ބަލާލުމުން ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް ފެންނަކަމަށް ވިދާޅުވިއެވެ.
މިއީ ސައިންސްގެ ޒަމާންކަމަށާއި އައު ހޯދުންތައް ހޯދަމުންދާ، ޢިލްމީ ގޮތުން ކުރިއަރާފައިވާ ޒަމާނެއްކަން ފާހަގަކުރައްވާ ޝައިޚް ވިދާޅުވީ މިފަދަ ޒަމާނެއްގައި އުޅޭއިރު އަޅުގަނޑުމެން ކާބަފައިންނަށްވުރެވެސް އީމާންތެރިކަމާއި ދީންވެރިކަން މާބޮޑުވާންޖެހޭނެކަމަށެވެ. .
ކަލަކު ވޮޑިގެންވާކަން ޔަޤީންކުރަން ކޮންމެހެން ދިރާސާއެއް ހަދަން ނުޖެހޭކަމަށާއި އިންސާނުންނަށް އަތްލެވޭ، ފެންނަ ހިފާގެންގުޅޭ ތަކެތީގެ ތެރެއިން ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް މާތްﷲ ދައްކަވާފައިވާކަމަށް ވިދާޅުވިއެވެ.
މާތްﷲ ވަނީ، ވިސްނާ ފިކުރުކޮށް ކާއިނާތާއި ދުނިޔެއިން ފެންނަ ތަކެއްޗަށްބަލާ ދިރާސާކުރުމަށް އަންގަވާފައިކަމަށާއި އޭގެ ބޭނުމަކީ އެކަލާނގެ ވޮޑިގެންވާކަން އިންސާނާ ޤަބޫލުކުރުމަށްޓަކައިކަމަށްވެސް ވިދާޅުވިއެވެ.
ޝައިޚް ސަމީރުވަނީ ކަލަކު ވޮޑިގެންވާކަމުގެ ހެކިތަކުގެ ތެރެއިން ކައުނާއި، އުޑާއި، އުޑުގައިވާހާއެއްޗަކާއި، ބިމާއި ބިމުގައިވާހާ އެއްޗެއް އުފެދުނުގޮތަށް ބައްލަވާލައްވާފައެވެ. އެކަމުންވެސް ކަލަކުވޮޑިގެންވާކަން އެނގިގެންދާކަމަށާއި އެތަކެތި އުފެދިފައިވަނީ ހަމަ ހުރެފައި ނޫންކަން ފާހަގަކުރައްވާ އެތަކެތި ލައްވާ ބަލަހައްޓަވާ ފަރާތެއްވާކަން އެ ތަކެތިން އެނގިގެންދާކަމަށްވެސް ވިދާޅުވިއެވެ.
މި ފޯރަމްގައި ދެން ވާހަކަފުޅު ދެއްކެވީ އައްޝައިޚް ޙަސަން މޫސާ ފިކުރީއެވެ.
ޝައިޚް ފިކުރީގެ ވާހަކަފުޅުގައި ދީން ޤަބޫލުނުކުރާ މީހުން އެކަން އެހެން ކުރަނީ ކީއްވެކަމާއި ދުނިޔެއާއި ދުނިޔޭގައިވާ ތަކެތި އުފެދިގެން އައިގޮތާ ބެހޭ ގޮތުން އިންސާނުން އުފައްދާފައިވާ ތިއަރީތަކާއި ދިރާސާތަކަށް ބައްލަވާލެއްވިއެވެ.
އަދި ކަލަކުވޮޑިގެންވާކަމުގެ ހެކިތައް އެއިން ކޮންމެ ކަމަކުން ދޭހަވާކަމަށްވެސް ވިދާޅުވިއެވެ.
އިންސާނުންގެ އަޤީދާއާއި ފުށުއަރާ އެތައް އެއްޗެއް، އިންސާނާ ދިރިއުޅެމުންދާ މާޙައުލުން ފެންނަކަމަށާއި ބާޠިލް އަޤީދާތަކާއި ދީންތައް ބުއްދިއާއި ފުށުއަރާކަމަށް ވިދާޅުވިއެވެ.
ކަލަކު ވޮޑިގެންވާކަމަށް ޤަބޫލުނުކުރާ މީހުންގެ މައިގަނޑު ދަލީލަކީ ކަލަކުވޮޑިގެންވާކަމަށް ސައިންޓިފިކް ހެކި ނެތުންކަމަށް އެމީހުން ބުނާކަމަށް ވިދާޅުވިއެވެ.
އަދި ސައިންސަކީ އިންސާނާގެ ހިއްސުތަކަށްކުރެވޭ ތަޖުރިބާތަކުގެ މައްޗަށް ބިނާވެފައިވާ އިންސާނީ ހޯދުންތައް ކަމަށް ވިދާޅުވިއެވެ. މާތްﷲ ކީރިތި ޤުރުއާނުގައި، ކަންކަން ބަލާ ހޯދާ އިންސާނާ ޚަލްޤުކުރެއްވި ގޮތާއިމެދު ވިސްނާ ބެލުމަށް އަންގަވާފައިވާކަމަށްވެސް ވިދާޅުވިއެވެ.
ސައިންޓިފިކް ނަޒަރިއްޔާތަކަކީ ބަދަލުވަމުންދާ އެއްޗެއްކަން ފާހަގަކުރައްވާ އީމާންވަނީ ސައިންސުން ސާބިތުވާތީ ނޫންކަމަށާއި އެގޮތުން އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ ސައިންސުން އޭގެ ހަޤީޤަތާހަމައަށް ވާސިލްވެވިފައިވާކަމެއް ނޫންކަމަށް ވިދާޅުވިއެވެ.
އިންސާނުން ހަދާ ތިޔަރީތަކަކީވެސް ފުށުއެރުންތައް ހުންނަ ތިއަރީތައްކަން ފާހަގަކުރައްވާ ޝައިޚް ފިކުރީ ވިދާޅުވީ ބިގްބޭންގ ތިއަރީގައިވެސް ސައިންސްވެރިންނަށް ޖަވާބު ނުލިބޭ އެތައްކަމެއް އެކުލެވިގެންވާކަމަށެވެ. .
އެހެންކަމުން މުޅި ކާއިނާތައް ބެލުމުންވެސް ކާއިނާތުގައިވާ ހަމަކޮންމެ އެއްޗެއްވެސް އުފެއްދި ފަރާތެއްވާކަމަށާއި ދުނިޔެ އުފައްދަވާފައިވާ ފުރިހަމަކަމާއި ބަދަހިކަމުން ދޭހަކޮށްދެނީ މިތަން އުފެއްދެވި ފަރާތުގެ މަތިވެރިކަމާއި ކުޅަދުންވަންތަކަން ކަމަށް ވިދާޅުވިއެވެ.
އަދި ކޮންމެ މަޚްލޫޤެއްގެ ކިބައިގައިވެސް ޚާލިޤަކަށް ބޭނުން ޖެހުމުގެ އިޙްސާސްވަނީ ލައްވާފައިކަމަށްވެސް ޝައިޚް ފިކުރީ މިރޭގެ ފޯރަމްގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް