ސީރިއާގައި ހަނގުރާމަ ކުރަމުން ދިޔަ ދިވެއްސަކު މަރުވެއްޖެ

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގަ ބައިވެރިވެގެން ހަނގުރާމަ ކުރަން އުޅުނު ދިވެއްސަކު މަރުވެއްޖެ އެވެ. ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންނާއި ގުޅޭ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމު ކުރ...

22 Apr 2017 | 18:28

ސީރިއާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގަ ބައިވެރިވެގެން ހަނގުރާމަ ކުރަން އުޅުނު ދިވެއްސަކު މަރުވެއްޖެ އެވެ.

ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންނާއި ގުޅޭ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމު ކުރަމުންދާ "ބިލާދް އަލް ޝާމް މީޑިއާ" ގައި ބުނެފައިވަނީ މަރުވެފައިވަނީ އަބޫ ޔޫނުސް އަލް މާލްދީފީ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ކުރިން ކިޔަނީ ރާފިއު މުހައްމަދު (ރާއްޕެ) އެވެ.

އޭނާ މަރުވި ކަމަށް އެ ޕޭޖުގައި ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކަމަށެވެ. އަދި އޭނާ މަރުވީ ސީރިއާގެ ތައިބާތު އަލް އިމާމުގައި ހަނގުރާމަ ކުރަމުންދަނިކޮށް ކަމަށް ބުނެފައިވެ އެވެ.

އަބޫ ޔޫނުސްގެ ފޮޓޯ އެ ޕޭޖުން އާންމު ކުރި ނަމަވެސް އެއީ ކޮން ރަށަކަށް ނިސްބަތްވާ މީހެއް ކަމެއް ނޭނގެ އެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އޭނާ އަކީ އުމުރުން 25 އަހަރުގެ މީހެކެވެ. އޭނާ ސީރިއާގައި ހަނގުރާމަ ކުރަމުންދާތާ މިހާރު ފަސް ވަރަކަށް އަހަރުވެފައިވާ ކަމަށެވެ.

އަބޫ ޔޫނުސްގެ އިތުރުން ދޭތެރެ ދޭތެރެއިން ސީރިއާ ހަނގުރާމައިދަ ދިވެހިން މަރުވާ ހަބަރުތައް އާންމުވެ އެވެ. ސީރިއާއަށް ހަނގުރާމަ ކުރުމަށް ދާ ގިނަ ދިވެހިން އެ ގައުމަށް އެތެރެ ވަނީ ތުރުކީ މަގުންނެވެ. ބައެއް ދިވެހިން އެއްގަމު މަގުން ތުރުކީއިން ސީރިއާއަށް އެތެރެވާން އުޅެނިކޮށް އެ ގައުމުގެ ސިފައިން ހައްޔަރުކޮށްފައިވެ އެވެ.

ނޭޝަނަލް ކައުންޓާ ޓެރެރިޒަމް ސެންޓަރު (އެންސީޓީސީ) އިން ބުނެފައި ވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކާ 49 ފިރިހެނަކު ގުޅިފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް