އަންނަ އަހަރުގެ ތެރޭގައި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބޭރުގެ އިތުރު އެއާލައިނަކުން ދަތުރުތައް ފަށާނެ ކަމަށް އިނަ މޯލްޑިވްސްގެ ޗެއާމަން މުހައްމަދު ފިރާގް މިއަދު ވިދާޅުވެއްޖެއެވެ.
އައްޑޫ އިންވެސްޓާސް ފޯރަމްގައި ވާހަކަ ދައްކަވަމުން ފިރާގް ވިދާޅުވީ، އައްޑުއަކީ ޓޫރިސްޓުންގެ މާކެޓް އޮތް ތަނެއް ކަމުން އައްޑޫގައި ޓޫރިޒަމް ފުޅާވެގެން އަންނަ އިރު، އިތުރު އެއާލައިންތަކުން ގަމަށް ދަތުރުތައް އޮޕަރޭޓް ކުރުމަކީ ވަރަށް ފީޒިބަލް ކަމެއް ކަމަށެވެ. މި ދަތުރުތައް ކުރަން ހަމަޖެހިފައިވަނީ މެދުއިރުމައްޗާއި ޔޫރަޕްގެ ބައެއް ގައުމުތައްވެސް ހިމެނޭ ގޮތަށެވެ.
2016 ވަނަ އަހަރުން ފެށިގެން އަންނަނީ ސްރީ ލަންކަން އެއާލައިންސްގެ ސީދާ ދަތުރުތައްވެސް ގަމަށް ކުރަމުންނެވެ. މިއީ އިނަ މޯލްޑިވްސްގެ ދަށުން ހިންގާ އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސްގެ އެޖެންޓްކަމުގެ ދަށުން ކުރާ ދަތުރުތަކެކެވެ.
މި އަންނަ އަހަރުގެ މާޗް ހިސާބުގައި އިތުރު އެއާލައިނެއް މެދު އިރުމައްޗާއި ޔޫރަޕް ގުޅޭ ގޮތަށް އައްޑު އަށް ދަތުރުތައް ފަށާނެކަމުގެ ޔަގީންކަން ފިރާގް ވަނީ އައްޑޫގެ ރައްޔިތުންނަށް ދީފައެވެ. ނަމަވެސް އެ ދަތުރުތައް ގަމަށް ކުރާނީ ކޮން އެއާލައިނަކުން ކަމެއް ފިރާގް ހާމަކޮށްފައެއް ނުވެއެވެ.
ގަމަށް ފްލައިޓްތައް އޮޕަރޭޓް ކުރުމުގެ ޝައުގުވެރިކަން ބޭރުގެ ބައެއް އެއާލައިންތަކުން މީގެ ކުރިން ވެސް ފާޅުކޮށްފައިވާ ކަމަށް ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ވެސް ބުނެފައިވެއެވެ.
މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިންތިޒާމްކޮށްގެން އެއް ދުވަހުގެ މުއްދަތަށް އައްޑޫގައި މިިއަދު ފެށި އިސްވެސްޓާސް ފޯރަމް ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. މި ފޯރަމްގައި ޓުއާ އޮޕަރޭޓަރުންނާއި ވިޔަފާރިވެރިންނާއި ފައިނޭންޝަލް ބައެއް އިންސްޓިޓިއުޝަންތަކުން ބައިވެރިވެއެވެ.
މި ޕޯރަމަކީ މެދުފަންތީގެ އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން އައްޑޫގެ މެދުފަންތީގެ ޓޫރިޒަމަށް ބެޑް ކެޕޭސިޓީ އިތުރުކޮށް، ޓޫރިޒަމް ދާއިރާ ފުޅާ ކުރެވޭނެ ގޮތްތައް ފަހި ކުރުމުގެ މަގުސަދުގައި ކުރިޔަށް ގެންދާ ފޯރަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް