ސިޓީ ކައުންސިލް ހިންގަން ހުރަވީ ބިލްޑިންގ ހަމަޖައްސައިފި

މާލޭ ސިޓީ ކައުންސިލްގެ އިދާރ ހިންގަން ހުރަވީ ބިލްޑިންގ ހަމަޖައްސައިފި އެވެ. ހައުސިން މިނިސްޓްރީން މިއަދު ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މާލެ ސިޓީ ކައުންސިލް އިދާރާ ހިންގަމުންދާ ގ. ބިއް...

22 Apr 2015 | 10:06

މާލޭ ސިޓީ ކައުންސިލްގެ އިދާރ ހިންގަން ހުރަވީ ބިލްޑިންގ ހަމަޖައްސައިފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މާލެ ސިޓީ ކައުންސިލް އިދާރާ ހިންގަމުންދާ ގ. ބިއްލޫރިޖެހިގެ އިމާރާތް ސަރުކާރަށް ނެގުމަށް ނިންމާފައިވާތީ ހުރަވީ ބިލްޑިންގެ ފުރަތަމަ ދެ ފަންގިފިލާ އެ ކައުންސިލްގެ މަސައްކަތްތައް ކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ. މިހާތަނަށް ހުރަވީ ބިލްޑިންގ ގެ ފުރަތަމަ ދެ ފަންގިފިލާގައި ހިންގަމުން ދިޔައީ ޖެންޑާ މިނިސްޓްރީ އެވެ.

ނަމަވެސް ހައުސިންގ މިނިސްޓްރީގެ ސިޓީގައި ޖެންޑާ މިނިސްޓްރީގެ މަސައްކަތްތައް ބަދަލުކުރަން ނިންމާފައިވާ ތަނެއް ބުނެފައެއް ނުވެ އެވެ.

ހައުސިންގ މިނިސްޓްރީގެ ސިޓީއާއި ގުޅިގެން ސިޓީ ކައުންސިލުން އެ މިނިސްޓްރީއަށް ފޮނުވި ޖަވާބުގައި ބުނެފައިވަނީ އޮފީސް ހުސްކުރުމަށް ދީފައިވާ މުއްދަތު ކުޑަކަމުން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދެމުން މާލޭ ސިޓީ ހޯލް ހުސްކޮށް ތަނުގައި ހުރި ތަކެތި ހުރަވީ ބިލްޑިންގަށް ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ހުރަވީ ބިލްޑިންގަކީ ވަރަށް ބާވެފައިވާ އިމާރާތަކަށްވެފައި އެތަން ހުސްކުރުމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިފައިވާތީ އެ ކައުންސިލްގެ މުވައްޒަފުން ހުރަވީ ބިލްޑިންގަށް ބަދަލުކުރާނަމަ އެ އިމާރާތަކީ މުވައްޒަފުން ތިބުމަށް އެކަށީގެންވާ އިމާރާތެއްކަން ލިޔުމުން އަންގައިދިނުމަށް ސިޓީގައި އެދިފައިވެ އެވެ.

މާލެ ސިޓީ ކައުންސިލް އިދާރާ ހިންގާ އިމާރާތް ހުސްކުރުމަށް ހައުސިން މިނިސްޓްރީން ސިޓީ ކައުންސިލަށް އަންގާފައި މިވަނީ އެ މިނިސްޓްރީން ކެބިނެޓަށް ހުށަހެޅި ކަރުދާހަކަށް މަޝްވަރާކުރުމަށްފަހު މާލެ ސިޓީ ކައުންސިލް އިދާރާ ހިންގާ އިމާރާތާއި އަދި އެ ބިން ސަރުކާރަށް ނެގުމަށް ކެބިނެޓުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވާފައިވާތީ އެކަން ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހައުސިން މިނިސްޓްރީއާ ހަވާލުކުރެއްވުމުންނެވެ.

ރައީސް އޮފީހުން ބުނީ މާލޭ ސިޓީ ކައުންސިލާ ހަވާލުކުރެވިފައިވާ ބައެއް ބިންތައް‏ އަނބުރާ ސަރުކާރަށް ނެގީ ‏އިޖުތިމާއީ ‏‏އަދި އިގްތިސޯދީ ކަންކަމަށް އަދި ރައްޔިތުންނަށާއި ދައުލަތަށް އެންމެ ‏‏ފައިދާ ހުރި ގޮތުގައި އެ ބިންތައް ބޭނުން ކުރުމަށް ކަަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް