އާއިލީ ޑޮކްޓަރުންގެ ހިދުމަތް މާލެއަށް ތައާރަފްކުރުމަށްޓަކައި، އެ ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
ހެލްތް މިނިސްްޓްރީން މިއަދު ބުނީ އިއްޔެ ފެށިގެން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ އެ ޕްރޮގްރާމްގައި ބައިވެރިވެވޭނީ ހެލްތް މިނިސްޓްރީގައި ރެޖިސްޓްރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލުތަކަށް ކަމަށެވެ. އަދި ރެޖިސްޓްރީވުމަށް ވަކި މުއްދަތެއް ކަނޑައަޅާފަ އެއްނުވެ އެވެ.
އާއިލީ ޑޮކްޓަރުންގެ ހިދުމަތްދޭ ކްލިނިކެއްގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަކީ އެބޭފުޅެއްގެ ޕްރޮފެޝަނަކާއި ގުޅޭ ކައުންސިލް ނުވަތަ ބޯޑުގައި ރަޖިސްޓްރީކޮށްފައިވާ އަދި އެ ކްލިނިކެއްގައި މަސައްކަތްކުރުމުގެ ހުއްދަ ލިބިފައިވާ ހިދުމަތްތެރިއަކަށް ވާންޖެހޭކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން އާއިލީ ޑޮކްޓަރަށް ދެއްކުމަށް ފަހު ސްޕެޝަލިސްޓުންނަށް ދައްކާ ބަލިމީހުންގެ ތެރެއިން އާސަންދަގެ ހިދުމަތް ލިބޭނީ އާއިލީ ޑޮކްޓަރު ރިފާ ކުރާ ސްޕެޝަލިސްޓަކަށް ދެއްކުމަށް އެކަންޏެވެ. އެހެން ސްޕެޝަލިސްޓަކަށް ދައްކާނަމަ ފައިސާ ދައްކަން ޖެހެނީ އެމީހަކު އަމިއްލަށެވެ.
އެ އުސޫލުގައިވާ ގޮތުން އާއިލީ ޑޮކްޓަރުންގެ ހިދުމަތަށް އެދޭ މީހުން ރަޖިސްޓްރީ ކުރާނީ އެ ކްލިނިކެއްގައި އާއިލީ ޑޮކްޓަރެއްގެ ގޮތުގައި މަަސައްކަތްކުރާ ޑޮކްޓަރަކަށެވެ. އެ ގޮތުން ކޮންމެ ޑޮކްޓަރަކަށް ރަޖިސްޓްރީ ކުރެވޭނީ ގިނަވެގެން 2500 މީހުންނެވެ.
އާއިލީ ޑޮކްޓަރެއްގެ ގޮތުގައި އެއް ޑޮކްޓަރަކަށް ހިދުމަތްދެވޭނީ އެއް ސިއްހީ ހިދުމަތްދޭ ތަނެއްގައި އެވެ. ނަމަވެސް އެހެން ސިއްހީ ހިދުމަތްދޭ ތަނެއްގައި އެ ޑޮކްޓަރަށް އާއިލީ ޑޮކްޓަރެއް ނޫންގޮތަކަށް މަސައްކަތްކުރުމަށް އެ އުސޫލު ހުރަހެއް ނާޅާއެވެ.
ބަލިމީހުން ހަދަން ޖެހޭ ޓެސްޓްތަކަށްވެސް އާސަންދައިގެ ހިދުމަތް ލިބޭނީ އާއިލީ ޑޮކްޓަރު ބުނާ ޓެސްޓްތައް ނުވަތަ އާއިލީ ޑޮކްޓަރު ރިފާ ކުރާ ސްޕަޝަލިސްޓް ޑޮކްޓަރު ބުނާ ޓެސްޓްތަކަށެވެ.
އާއިލީ ޑޮކްޓަރެއްގެ ގޮތުގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް މަސައްކަތް ކުރެވިދާނެ ކަމަށް އެ އުސޫލުގައި ބުނެފައިވާއިރު ސްޕެޝަލިސްޓަކު އާއިލީ ޑޮކްޓަރެއްގެ ގޮތުގައި ރެޖިސްޓްރީ ކުރުމަށްފަހު އާއިލީ ޑޮކްޓަރެއްގެ ހިދުމަތަަށް ރެޖިސްޓްރީ ކުރެވިފައިވާ ބަލިމީހުން ބެލުމުގެ ފީއަކީ އާއިލީ ޑޮކްޓަރަކަށް ކަނޑައެޅިފައިވާ ފީ ކަމަށް އުސޫލުގައިވެއެވެ. އެ އުސޫލުގައިވާ ގޮތުން އާއިލީ ޑޮކްޓަރަށް ރަޖިސްޓްރީ ކުރެވިފައިވާ މީހުންގެ އަތުން ސްޕެޝަލިސްޓް ސާވިސްގެ ފީއެއް ނުނެގޭނެއެވެ.
ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ހަމަޖެއްސުމަކީ މި ސަރުކާރުގެ ސިއްހީ ދާއިރާގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް