މީގެ ތިން އަހަރު ކުރިން އަނިޔާވެރި ގޮތަކަށް ދ. ކުޑަހުވަދޫގައި މަރާލި އެރަށު އަލީ ހަސަން (އައްޔުބޭ) މަރާލި މައްސަލައިގެ ޝަރީއަތް ތާވަލް ކުރުމަށް ފަހު ކެންސަލްކޮށްފި އެވެ.
މިއަދުގެ ތާވަލްކޮށްފައި އޮތީ އެ މައްސަލައިގައ ދައުލަތުން މީހަކު މަރާލުމަށް އެހީތެރިވި ކަމަށް ދައުވާ އުފުލާފައިވާ އައްޔުބެއަށް ދޮންކާފަ ކިޔާ އިބްރާހިމް ވަސީމްގެ ޝަރީއަތެވެ.
ޝަރީއަތް ބާއްވަން ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 10:00 އަށެވެ. ނަމަވެސް ޝަރީއަތް ކެންސަލް ކުރި ސަބަބެއް ކޯޓަކުން ހާމައެއް ނުކުރެ އެވެ.
ވަސީމްގެ މައްޗަށް ދައުލަތުން އެންމެ ފުރަތަމަ އުފުލީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ނަމަވެސް އެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު މިދިޔަ އަހަރު އުފުލީ މީހަކު މަރާލުމަށް އެހީތެރިވެދިނުމުގެ ދައުވާ އެވެ. ނަމަވެސް ދައުވާ ބަދަލުކުރި ސަބަބެއް ދައުލަތުން ނުބުނެ އެވެ.
ދައުވާ ބަދަލުކޮށް އަލުން މައްސަލަ ޝަރީއަތައް ހުށަހަޅަމުން ދައުލަތުން ބުނެފައިވަނީ އައްޔުބެ މަރާލުމަށް އިތުރު ބަޔަކާ އެކު ވަސީމް ރާވާފައިވާ ކަމަށެވެ. އަދި އައްޔުބެ މަރާލި ދުވަހުގެ ރޭ އައްޔުބެ އަށް ފާރަލައި އޭނާ މަރާލި މީހުން އެކަން ކޮށްގެން އައުމުން އެ މީހުން ބޭނުންކުރި ވަޅި އާއި ހެދުމާއި މާސްކް ފަދަ ތަކެތި ވަސީމް ނައްތާލާފައިވާ ކަމަށް އެ ދައުވާގައިވެ އެވެ. ދައުވާގައިވާ ގޮތުން އެ ތަކެތި ވަސީމް ނައްތާލީ އެރަށު ތުނޑީގައި އަލިފާންގަނޑެއް ރޯކޮށްގެންނާއި ބައެއް ތަކެތި މޫދަށް އުކާލައިގެންނެވެ.
ވަސީމް ވަނީ ޖެނުއަރީ 2012 ގައި އައްޔުބޭ މަރާލުމުގައި ބައިވެރިވި ކަމަށް އެ އަހަރު ކޯޓުގައި އެއްބަސްވެފަ އެވެ.
އައްޔުބެ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނެ އެ ރަށު ރަނަކުރި އިބްރާހިމް މާޖިދާއި އެރަށު ފަނަސް މުހައްމަދު ފައުޒާންގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ. ނަމަވެސް އެ ދައުވާ އަށް އެ ދެ މީހުން އިންކާރުކުރެ އެވެ.
އައްޔުބެ މަރާލި މައްސަލައިގައި ދެ ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް