މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މުވައްޒަފުންނަށް ބިރު ދައްކައި މަސައްކަތަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ވިލުފުށީ ކައުންސިލްގެ ރައީސް ހުސެއިން ޖަބީން ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ އޭނާ ދޫކޮށްލީ އިއްޔެ ކަމަށެވެ. އޭނާ ހައްޔަރު ކުރީ އިއްޔެރޭ ދަންވަރު 12:15 ހާއިރު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ހައްޔަރުކުރި ކައުންސިލަރު ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރުކުރަން ތ. މަޑިފުށީ ކޯޓަށް ގެންދިއުމުން ކަމަށެވެ.
އޭނާ ހައްޔަރުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތ. ވިލުފުށީގައި އިންދެވި ނިކަ ގަހެއް އެ ރަށު މަގުހަދަން އުޅުނު އެމްއާރުޑީސީގެ މުވައްޒަފުން އުފުރާލުމުން، އެކަމާއި ބެހޭގޮތުން ސުވާލުކުރަން ކައުންސިލްގެ އެހެން މެމްބަރުންނާ އެކު އެ އޮފީހަށް ވަޑައިގެން އަޑުގަދަކޮށް ބިރުދައްކައިގެން ކަމަށްވެ އެވެ.
ވިލުފުށި ކައުންސިލުން ބުނެފައިވާ ގޮތުގައި ތާރު އެޅުމުގެ މަސައްކަތަށް އެ ރަށުގެ ބަނދަރު ސަރަަހައްދު ކޮންނަމުން ދިޔަ ނަމަވެސް އެ ގަސް ހުރީ އެ މަސައްކަތަށް ދަތިވާ ގޮތަކަށް ނޫނެވެ. އެއީ ގްރީން ޒޯންގައި އިންދާފައި ހުރި ގަހަކަށްވާތީ، އެ ގަހަކީ އެމްއާރުޑީސީން އުފުރަންޖެހޭ ގަހެއް ނޫން ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް