ރޯދައަށް ހުންނައިރު ރޯދަވެރިޔާ ދެބައޮޑުވުމާއި ނެތިމޮށުމާއި ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލިވާންޖެހޭ ކަމުގައި ހުކުރު ޙުޠުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޙުޠުބާގެ މަޢުލޫއަކީ "ރަމަޟާން މަހާއި ދިރިއުޅުން" މިއެވެ.
މި މަޢުލޫގައި ޙުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި ރޯދައަކީ މުސްލިމުންގެ އަޚްލާޤު ތަހުޒީބުކޮށް ތަރައްޤީކޮށްދޭ އަޅުކަމެކެވެ. ރޯދަވެރިޔާ ރޯދައަށް ހުންނައިރު ރައްކާތެރިވާންޖެހޭ ކަންތައްތަކެއް ވެއެވެ. މިގޮތުން ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާން ޖެހެއެވެ. އަދި ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލިވާންޖެހެއެވެ.
ރޯދައަކީ އިސްވެ ދެންނުވުނު ނުބައި އަޚްލާޤުން މީހާ ރައްކާތެރިކޮށްދޭ އައްޑަނައެކެވެ.
"މިފަދަ ފަހި ފުރުޞަތެއް ދެވަނަފަހަރު ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ. ވީމާ، މި ބަރަކާތްތެރި މައްސަރުގައި ޙަޔާތަށް ބޮޑުބަދަލެއް ގެންނާށެވެ! މުޖްތަމަޢު އެއްބައިވަންތަކުރާ މުޖްތަމަޢުގެ ހެވާއި ލާބައަށް މަސައްކަތް ކުރާބަޔަކު ކަމުގައި ވާށެވެ! ރޯދަ އަހަރެމެންނަށް ދަސްކޮށްދެނީ އަނެކާގެ އިޙްސާސްތަކުގައި ބައިވެރިވެ ނިކަމެތި ޙާލުގައި އުޅޭ ފަޤީރުންނާއި މުހުތާދުވެރިންނަށް އެހީތެރިވުމަށެވެ! އެންމެ ހެޔޮމީހަކީ، ބަނޑުހައިހޫނު ކަމުގައި އުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް، ކުޅަދާނަވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދީ، އެމީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ، އެމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާއެވެ." ހުކުރު ޙުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ޙުޠުބާގައި އިތުރަށް ފާހަގަކޮށްފައިވާގޮތުގައި މި ބަރަކާތްތެރި މައްސަރުގެ ފައިދާ ހެޔޮގޮތުގައި ލިބޭނީ، އަހަރެމެންގެ ލޮބުވެތި ރަސޫލާ ﷺ އާއި މިއުންމަތުގެ ޞަލަފުއްޞާލިޙުން ރަމަޟާން މަހުގައި އަޅުކަން ކުރެއްވިގޮތް ނަމޫނާއަކަށް ބަލައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް