ކާށީގެ އަގު ހެޔޮކުރަން އެސްޓީއޯ އިން ޝިޕްމެންޓެއް ގެންނަނީ

ބާޒާރުގައި ކާށީގެ އަގު ވަރަށް ބޮޑަށް އުފުލި އަތް ނުފޯރާ ފަށައް ގޮސްފައި ވާތީ އަގުތައް ތިރިކުރުމަށް އެސްޓީއޯ އިން ކާށި ޝިޕްމެންޓެއް ގެންނަން ނިންމައިފި އެވެ. މިކަން ހާމަކޮށްފައި ވަނީ އެސްޓީއޯގެ މެނޭޖިނ...

22 Mar 2023 | 16:51

ބާޒާރުގައި ކާށީގެ އަގު ވަރަށް ބޮޑަށް އުފުލި އަތް ނުފޯރާ ފަށައް ގޮސްފައި ވާތީ އަގުތައް ތިރިކުރުމަށް އެސްޓީއޯ އިން ކާށި ޝިޕްމެންޓެއް ގެންނަން ނިންމައިފި އެވެ.

މިކަން ހާމަކޮށްފައި ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އަމްރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ބާޒާރުގައި ކާށީގެ އަގު ވަރަށް ބޮޑުވެ، ދަށައް ނުދިޔުމާއި ގުޅިގެން އެސްޓީއޯ އިން އެތެރެ ކުރާ ކާށި ޝިޕްމަންޓް މިމަހުގެ 27 ވަނަ ދުވަހު ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.

އަދި މި ރޯދަ މަހު ތަކެތީގެ އަގު އެހެން އަހަރު ތަކެކޭވެސް އެއްފަދައިން ބޮޑު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން މިދަނީ ކުރަމުން ކަމަށް އަމްރުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

ބާޒާރުގައި ކާށީގެ އަގުތައް އުފުލި އެސްޓީއޯ އިން ކާށި ޝިޕްމަންޓެއް ރާއްޖެ އެތެރެ ކުރަން ހަމަޖެހިފައި ވާއިރު މިހާރު ބާޒާރުގައި ކާއްޓެއްގެ އަގު އުޅެނީ 10 ރުފިޔާ އާއި 30 ރުފިޔާއާ ދެމެދުގެ އަދަދެއްގައެވެ.

މީގެ އިތުރުން ރޯދަ މަހާއި ދިމާކޮށް ލުނބޯގެ އަގު އުފުލިފައި ވާތީ އެސްޓީއޯ އިން ވަނީ ލުނބޯގެ އަގު ތިރިކުރަން ލުނބޯ ޝިޕްމެންޓެއް ވެސް ގެނެސް، 60 ރުފިޔާއަށް ކިލޯއެއް ވިއްކަން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް