ކުރިން ރެއާލް މެޑްރިޑާއި އާސެނަލް އަށް ކުޅުނު މެސުޓް އޮޒިލް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި އެވެ.
ކުޅުން ހުއްޓާލިއިރު އޮޒިލްގެ އުމުރަކީ 34 އަހަރު އެވެ. އޭނާ ރިޓަޔާކުރިކަން އިއުލާނުކުރީ ޓްވިޓާ މެދުވެރިކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގަ އެވެ.
އޮޒިލް ޓްވިޓާ މެދުވެރިކޮށް ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖުގައި ބުނީ މިއީ ވަރަށް ގިނަ ގޮތްގޮތުން ވިސްނުމަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ. އަދި 17 އަހަރު ވަންދެން ޕްރޮފެޝަނަލް ލެވެލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ލިބުނީތީ ޝުކުރުވެރިވާ ކަމަށާއި އަދި މިއީ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ކުޅުން ހުއްޓާލަންވީ ވަގުތު ކަމަށް ގަބޫލުކުރެވިގެން ކުޅުން ހުއްޓާލަން ނިންމީ ކަމަށް އޮޒިލް ބުންޏެވެ.
ޖަރުމަނާއެކު 2014 ގައި ވޯލްޑް ކަޕް ހޯދި އޮޒިލް ވަނީ ޖަރުމަނުގެ ގައުމީ ޓީމަށް 2009 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް 92 މެޗު ކުޅެދީ 23 ގޯލު ޖަހައިދީފައެވެ.
އޮޒިލް އެންމެ ފަހު ކުޅުނީ ތުރުކީ ލީގުގެ ފެނަބާޗޭއަށެވެ. ފެނަބާޗޭއަށްގައި ދެ ސީޒަން ހޭދަކުރުމަށް ފަހު އޮޒިލް މިވަނީ ފުތްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނު ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް