ސަރުކާރު ސްކޫލްތަކަށް ސްޓްރެޗަރާއި ފަސްޓް އެއިޑް ކިޓް ޙަވާލު ކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނީ ސަރުކާރުގެ ސްކޫލުތަކުގެ ތެރެއިން 193 ސްކޫލަށް ސްޓްރެޗަރ އަދި 56 ސްކޫލަށް ފަސްޓް އެއިޑް ކިޓް ޙަވާލު ކޮށްފައިވާ ކަމަށެވެ.
އަދި މި ތަކެތި ރާއްޖޭގެ ސަރުކާރު ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މޯލްޑިވްސް ލަރނިންގ އެޑްވާންސްމެންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް (މޯލްޑިވްސް ލޭމްޕް) އިން މިހާރު ވަނީ ފަށާފައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެ އެވެ.
"މޯލްޑިވްސް ލޭމްޕް" އަކީ ގްލޯބަލް ޕަރޓްނަރޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޤާއިމުވެފައިވާ ޕްރޮޖެކްޓެކެވެ.
މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީއާއެކު މި ޕްރޮޖެކްޓުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހިއްސާވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި މިއަދު ސްކޫލްތަކުގެ ފަރާތުން ތަކެއްޗާއި ޙަވާލުވެވަޑައިގެންނެވީ ކ. މާފުށި ސްކޫލް، ކ. ގުރައިދޫ ސްކޫލް އަދި ކ. ހުރާ ސްކޫލްގެ ޕްރިންސިޕަލުންނެވެ.
ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި މި ތަކެތި ރަސްމީކޮށް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ފާޠިމަތު ނަޞީރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް