މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ކުރީގެ ނައިބު ރައީސް އަހުމަދު ގައިސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަކަށް މިއަދު އައްޔަނު ކޮށްފިއެވެ.
ބްރޯޑްކޮމްގެ ނައިބު ރައީސްކަމުން ގައިސް މިދިޔަ ޖެނުއަރީ 8 ގައި އިސްތިއުފާ ދެއްވާފައި ވަނީ އެ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި މަސައްކަތް ކުރައްވަން ކަމަށް ވިދާޅުވެ އެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އެންމެ ފަހުން ފުރުއްވީ އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ސެޕްޓެމްބަރު 4، 2022 ގައި އޭނާ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަން ކުރުމާއެކު، އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އޮތީ މިއަދާ ހަމައަށް ހުސްކޮށެވެ.
އަހްމަދު ގައިސްއަކީ އެމްޑީޕީގެ ހަރަކާތްތަކާއި އެޕާޓީގެ އިންތިހާބީ މަގާމުތައް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
އެގޮތުން އެމްޑީޕީގެ ފަރާތުން 2019 ވަނަ އަހަރު ގދ. އަތޮޅުގެ ކައުންސިލަރުކަމުގެ އިތުރުން ތިނަދޫ އެމްޑީޕީ ގޮފީގެ ރައީސްކަން ވެސް ފުރުއްވާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް