ހިޔާ ފްލެޓްތަކުން އުކާލާ ގާކުނޑި އާއި އެހެނިހެން ކުނިތައް އުކައިދިނުން އަންނަ މަހު ހުއްޓާލާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ފްލެޓުތަކުގެ މަސައްކަތްތައް ކުރުމަށް ފަހު ނެރޭ ބަދިގޭ ކުނި ފިޔަވާ ހުރިހާ ވައްތަރެއްގެ ކުނިތައް އުކައި ދެމުން ދިޔައީ އެޗްޑީސީންނެވެ. ހިޔާ ފްލެޓުތައް ސަރަހައްދުގައި މިފަދަ ކުނިތަކުގެ ފަރުބަދަތައް ކޮންމެ ދެ ޓަވަރު ދޭތެރޭގައި ހުރެ އެވެ.
އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ ހިޔާ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތްތައް ކުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް، މަސައްކަތްކުރަމުންދާ ގޭބިސީތަކުން އުކާލާ ގާކުނޑި އާއި އެފަދަ އެހެން ކުނިތައް އުކުމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅައި، އެކަހަލަ ކުނިތައް އުކާލުމުގެ މަސައްކަތްކުރީ އެ ކުންފުނިން ކަމަށެވެ.
އެކަމަކު މި މަހުގެ 31 އިން ފެށިގެން އެކަން ހުއްޓާލަން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ. އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގާކުނޑިތަކާއި އެފަދަ އެހެން ކުނިތައް އުކާނީ އެ ފްލެޓެއްގެ ވެރިފަރާތަކުން އެކަމަށް ހާއްސަކޮށްފައިވާ މުއައްސަސާތަކާ ގުޅިގެންނެވެ.
އެޗްޑީސީން ބުނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށީގެން އެ ފަދަ ކުނިތައް ފްލެޓުތައް ސަރަހައްދަށް އެޅުމަކީ މަނާކަމެއް ކަމަށެވެ.
މިހާތަނަށް އެޗްޑީސީން އެފަދަ ކުނިތައް އުކައިދެމުންދާއިރު ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ހުރިހާ އާންމު ރައްޔިތުން އުކާލާ ބަދިގޭ ކުނިތައް ވެމްކޯއިން އުކައިދެމުން ދަނީ ހިލޭ އެވެ. އެކަމަށް ބަދަލު އަންނާނެ ދުވަހެއް ވެމްކޯއިން އަދި ހާމައެއް ނުކުރެ އެވެ.
ފްލެޓްގެ މަސައްކަތް ނިންމުމަށް ކުރާ މަސައްކަތުން އުފެދޭ ކުނިތައް ނެގުން އެޗްޑީސީން ހުއްޓާލަން ނިންމިއިރު ފްލެޓްތަކުގެ ފިނިޝިންނަށް ކުލި ނުނަގާ ގޮތަށް ސަރުކާރުން ދިން މުއްދަތު ވެސް މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް