ހަތަރު ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިންމާލައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފި

އެމް.ޑަބްލިޔު.އެސް.ސީ އިން ކުރިޔަށްގެންދާ ބ.ގޮއިދޫ، ރ.ކިނޮޅަސް، ނ.މާޅެންދޫ އަދި ނ.ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މީގެތެ...

22 Mar 2022 | 14:54

އެމް.ޑަބްލިޔު.އެސް.ސީ އިން ކުރިޔަށްގެންދާ ބ.ގޮއިދޫ، ރ.ކިނޮޅަސް، ނ.މާޅެންދޫ އަދި ނ.ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މީގެތެރެއިން، ނ.މާޅެންދޫ، ނ.ކުޑަފަރި އަދި ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި ބ. ގޮއިދޫގެ ކޮމިޝަނުންގެ މަސައްކަތްތައް ފެށުމަށް ވަނީ ތައްޔާރުވެފައިވާކަމުގައި އެމްޑަބްލިއުއެސްސީން ބުނެއެވެ. މިރަށްތަކުގެ ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވަނީ ހައުސިން މިނިސްޓްރީއާއި ، ފެނަކައަދި އެމް.ޑަބްލިޔު.އެސް.ސީގެ ބޭފުޅުން މިރަށްތަކަށް ވަޑައިގެން ކަމަށާއި މީގެއިތުރުން، މިރަށްތަކުގެ ފެނާއި ނަރުދަމާގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ އޮޕަރޭޓަރސް ޓްރެނިންގ ޕްރޮގްރާމްވެސް ވަނީ ހިންގާ ނިމިފައި ކަމުގައި އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.

މި ހަތަރު ރަށުގެ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ފޮޅީގެ މައި ނެޓްވޯރކް އަޅައި، އާރު.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށް، ފެން އުފެއްދުމަށްޓަކައި އާރް.އޯ ޕްލާންޓްއާއި އަދި ފެން ރައްކާކުރުމަށްޓަކައި ތާންގީ ބަހައްޓައި ވަނީ ނިންމާފައެވެ.  މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ.

މި ހަތަރު ރަށުގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާ މައި ނެޓްވޯކްއާއި ޕަންޕިން ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތްކޮށް، ޕަންޕިންގ ސްޓޭޝަން ޤާއިމްކޮށް އަދި ސީ އައުޓްފޯލް އަޅައިވެސް ނިމިފައިވާކަމަށާއި އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދެވިފައި ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. މީގެ އިތުރުން މިމަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ވަނީ ފޯރުކޮށް ދެވިފައި ކަމުގައިވެސް އެ ކުންފުނިން ބުނެއެވެ.

މިރަށްތަކުގެ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަކީ ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ. މި މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 163.55 މިލިޔަން ދިވެހި ރުފިޔާއެވެ. މި މަޝްރޫއުތަކުގެ ސަބަބުން މިރަށްތަކުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެކަން އެމްޑަބްލިއުއެސްސީން ފާހަަގަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް