ހުޅުމާލޭ ދެ ވަނަފިޔަވަހީގެ ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކޮށްދިނުމަށް ގޮވާލާ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އަށް ސިޓީއެއް ހުށަހަޅަން ތައްޔާރުވަމުން އެބަދެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން މީހުން ދިރިއުޅެން ފަށާފައިވާ ހިޔާ ފްލެޓުތަކުން ކުލި ނަގަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ. ކުލީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 8،500 ރުފިޔާ އެވެ.
އެ އަގާއި މެދު މީގެ ކުރިންވެސް އާންމުން އެތައް ޝަކުވާއެއް ކޮށްފައިވާއިރު އަނެއްކާވެސް ސަރުކާރަށް ޕްރެޝަރު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ފްލެޓު ލިބުނު މީހުން ދަނީ ސިޓީ ހުށަހެޅުމަށް ސޮއި ކުރަމުންނެވެ.
މި ސިޓީ ހުށަހަޅާނެ ދުވަހެއް އަދި ނޭނގެ އެވެ. ސޮއި ކުރުން ކުރިޔަށް ގެންދަނީ މިރޭގެ ނިޔަލަށެވެ.
މިކަން އިންތިޒާމު ކުރާ ހިޔާ ޔޫނިއަންއިން ބުނީ ޑިމާންޑު ކުރަމުން ދަނީ 5،600 އަށް ފްލެޓުތަކުގެ ކުލި ކުޑަކުރުމަށް ކަމަށެވެ. އަދި އެ އަގަކީ ފުދުންތެރި ދިރިއުޅުމަކަށް އެކަށީގެންވާ އަގެއް ކަމަށް ބުނެ އެވެ.
އާންމުކޮށް އިޖްތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލި އުޅެނީ 5،000-6،000 އާއި ދެމެދުގެ އަގެއްގައި އެވެ. ހިޔާ ފްލެޓުތަކަކީ މިހާތަނަށް އިޖްތިމާއީ ބޯހިޔާވަހިކަމުގެ ދަށުން ދޫކުރި އެންމެ އަގުބޮޑު ފްލެޓުތަކެވެ.
ސަރުކާރުން ބުނެފައިވަނީ މިހާރު ކަނޑައަޅާފައިވާ އަގަށް ބަދަލު ގެނެވްެން ނެތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް