ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ އީޖާބީ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނަން: ފައިސަލް

ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ އީޖާބީ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ "ފ...

22 Mar 2022 | 09:46

ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ އީޖާބީ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ "ފަރސްޓް ޕޮލިސީ ރައުންޑް ޓޭބަލް އޮން މެރިން ލިޓަރ ޕްރިވެންޝަން" އިފްތިތާޙް ކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ކުނީގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމުގައި ދިވެހިރާއްޖެއަށް ގިނަގުނަ ގޮންޖެހުންތަކެއް ހުރިކަމާއި އަދި މިކަން ހައްލުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއެކު ކުނީގެ މައްސަލަ ހައްލެއް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުން ފަސްނުޖެހޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ކަނޑުފަޅުގެ ޞިއްޙަތާ ގުދުރަތީ ދިރުންތައް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކަނޑުފަޅުތައް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތުތައް ބަދަލުކޮށް ނޫ އިޤްތިޞާދެއްގެ ސިފަތައް އަށަގެންނެވުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތުގެ މައްޗަށް އަލިއަޅުވާލާފައެވެ. އެގޮތުން ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރުމާއި ކުންޏާބެހޭ ގަވައިދުތައް އިސްލާޙުކޮށް ކުނި އުފައްދާ ފަރާތުގެ މައްޗަށް އޮންނަ ޒިންމާ ބޮޑުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކުންޏަކީ އޭގެން މަންފާ ލިބެނިވި އެއްޗަކަށް ހެދުމަށްޓަކައި 4 މަރުޙަލާއަކަށް ބަހާލައިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުނި ބެލެހެއްޓުން ލާމަރުކަޒީ ކުރެވި މުޅި ރާއްޖެއަށް އެކަން ފުޅާކުރެވިގެންދާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ފައިސަލްގެ ވާހަކަފުޅުގައި، މިފަދަ އީޖާބީ މަސައްކަތްތަކުން އުންމީދީ މަންޒަރުތަކެއް މިހާރު ފެންނަން ފަށާފައިވާ ކަމަށާއި އަދި މިއީ މުޖުތަމަޢެއްގެ ގޮތުގައި ކުރިއަށްދެވޭ މިސްރާބު ރަނގަޅުކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ސިފަކުރައްވާ ފައިސަލް ވަނީ މިއަދުގެ ވަށްމޭޒު ބައްދަލުވުމުގެ ތެރެއިން މިފަދަ އިތުރު މަސައްކަތްތައް ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

"ޕްރިވެންޝަން އޮފް މެރިން ލިޓަރ އިން ދި ލަކްޝްވަދީޕް ސީ" ޕްރޮމިސް މަޝްރޫޢަކީ ސްވިޗް އޭޝިއާ ޕްރޮގްރާމްގެ ދަށުން ލަކްޝްވަދީޕް ސަރަޙައްދުގައި ހިމެނޭ އިންޑިއާ، ސްރީލަންކާ އަދި ދިވެހިރާއްޖޭގެ ގޮނޑުދޮށްތަކަށް ލައްގާ ކުނީގެ މިންވަރު މަދުކުރުމަށް ކަނޑުތަކަށް އެޅޭ ކުނި އުފެދޭ ތަންތަނަށް އަމާޒުކޮށް ކުރެވޭ މަސައްކަތެކެވެ. އެގޮތުން މި ބޭއްވޭ ޕޮލިސީ ރައުންޑް ޓޭބަލް ބައްދަލުވުންތަކުގެ ތެރެއިން ކުންޏާބެހޭ ސިޔާސަތުތައް އެކަށައެޅުމަށް ހުށައެޅުންތައް ހުށައެޅިގެންދެއެވެ. ޕްރޮމިސް މަޝްރޫޢަކީ ސްވިޗް އޭޝިއާ ޕްރޮގްރާމުގެ ދަށުން 4 އަހަރުގެ މުއްދަތަކަށް ވިލާތުގެ އިއްތިހާދުން ފަންޑުކޮށްގެން ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަވާލުކުރެވިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް